Last Updated: June 26, 03:21
Friday, June 26, 2026
ޚަބަރު

ތުރުކީގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް

ތުރުކީގައި ހިނގި ރޭލު އެކްސިޑެންޓެގައި ކުޑަކުދިން ހިމެނޭގޮތަށް އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، ތުރުކީގެ ރައީސް ރެކެޕް ތައްޔިބް އެރްތުޤާންއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވެފައި ވަނީ މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ނުހަނު ކަންބޮޑުވުމާއިއެކު ކަމަށެވެ.

އަދި ރައީސްގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ތުރުކީގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިޚްލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން ތުރުކީގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް މިކަން ތަހައްމަލުކުރަންޖެހުނު ޢާއިލާތަކަށް ކެއްތެރިކަމާއި ސާބިތުކަން ދެއްވުން އެދި ދުޢާކުރައްވާކަމުގައި ވެސް ރައީސްގެ މެސެޖުގައި ހާމަކުރައްވާފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސްގެ މެސެޖުގައި އެދިވަޑައިގެންފައިވެއެވެ.