މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސް ބޭއްވުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އާއި ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ.
ޤައުމީ ޔުނިވަރސިޓީން އިންތިޒާމުކުރާ "އެމް.އެން.ޔޫ ރިޔާސީ ބަހުސް 2018 އާއި މެނިފެސްޓޯ ބަހުސް 2018" އަކީ އިލްމީ އަދި ހުރިހާ ގޮތަކުންވެސް ރައްޔިތުން ބަލައިގަންނަ ބަހުސަކަށް ހެދުމަށްޓަކައި ބަހުސްގެ ސުވާލުތައް ތައްޔާރުކުރުމާއި، ކެނޑިޑޭޓުންނާއި ގުޅުންހުރި ކަންކަމުގެ މުޢާމަލާތު ކުރުމާއެކ،ު ބަހުސް ހުށައަޅާނެ ފަރާތެއްވެސް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ އެ ޔުނިވަރސިޓީންނެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އަލީ ފަވާޒް ޝަރީފު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދިވެހި ކޮންމެ ރައްޔިތަކުވެސް ދޭ ވޯޓަކީ ވަރަށް ދިރާސާ ކުރެވިގެން ކެންޑިޑޭޓުންގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެނގިގެން ދޭ ވޯޓަކަށް ހެދުމަކީ ޤައުމީ ޔުނިވަރސީޓީއަށް ޤާނޫނީ ގޮތުން މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ ބަހުސަށްވެސް ޤައުމީ ޔުނިވަރސީޓީން އިލްމީ މުހިންމު މަސައްތްތަކެއް ކުރެއްވިކަން ފާހަގަކުރައްވަމުން ޑރ. ފަވާޒް ވިދާޅުވީ، މިފަހަރުގެ ރިޔާސީ ބަހުސް އާއި މެނިފެސްޓޯ ބަހުސް ކުރިއަށް ގެންދިއުމަށް ޔުނިވަރސީޓީގެ ހުރިހާ ބޭފުޅުން ހިމެނޭގޮތަށް މުހިންމު މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ޕީ.އެސް.އެމުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް މުހިންމު އަދި ބޮޑެތި ޕްރޮގްރާމްތަކާއި ޝޯތައް ގެނެސްދިނުމަށް ކަމަށެވެ.
އަދި ކުރީގެ ރިޔާސީ އިންތިޚާބުތަކާއި ގުޅިގެން ބޭއްވި ރިޔާސީ ބަހުސްތަކާއި ތަފާތުކޮށް މިއަހަރުގެ ރިޔާސީ ބަހުސް އާއި އިންތީޚާބާއި ގުޅޭ ޕްރޮގްރާމްތައް ޤައުމީ ޔުނިވަރސިޓީ އާއި ގުޅިގެން ގެނެސްދެނީ އިލްމީ ގޮތުން އޮއްޓަރު ހުރި ތަފާތު ޕްރޮގްރާމްތަކެއްގެ ގޮތުގައި ކަމަށްވެސް ޚަލީލް ވިދާޅުވި އެވެ.
މި ފަހަރުގެ ރިޔާސީ ބަހުސް ގެނެސް ދިނުމަށް މަސައްކަތްކުރަމުންދަނީ ތިން ފިޔަވައްސަކަށެވެ. އެގޮތުން އަންނަ އޮގަސްޓް މަހުގެ ތެރޭގައި މެނިފެސްޓޯ ބަހުސް ބާއްވާއިރު ރަނިންގ މޭޓުންގެ ބަހުސް ގެނެސްދޭނީ ސެޕްޓެންބަރު މަހުގައެވެ. އަދި އެންމެ މުހިންމު ބަހުސް ކަމުގައިވާ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސް ގެނެސްދޭނީ އިންތިޚާބުގެ 10 ވަރަކަށް ދުވަސްކުރިންނެވެ.
ރިޔާސީ އިންތިހާބުގައި މިހާތަނަށް ވާދަކުރައްވާނެ ކަމަށް ޔަގީން ވެފައި ވަނީ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ސިޔާސީ ކޯލިޝަންގެ ފަރާތުން ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖެއްސެވިއިރު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބޫގެ ރަނިންމޭޓަކު ހަމަޖައްސާނީ އަންނަ ހުކުރު ދުވަހު ބާއްވާ ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގަ އެވެ.