Last Updated: May 16, 04:30
Thursday, May 16, 2024
ކުޅިވަރު

ބެލްޖިއަމް ބަލިކޮށް، ފްރާންސް ފައިނަލަށް

ފްރާންސަށް މިމެޗުގައި ލަނޑުޖަހައިދިން ސެމުއެލް އުމްޓީޓީ (ކ) އާއި މެޗުގައި މޮޅުކުޅުމެއްދެއްކި ޕައުލް ޕޮގްބާ (ވ) --ފޮޓޯ: ފީފާ

ސެއިންޓް ޕީޓަސްބާގް، ރަޝިޔާ: ވޯލްޑްކަޕް 2018ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބެލްޖިއަމް ބަލިކޮށް ފްރާންސް ފައިނަލަށް ދަތުރުކޮށްފިއެވެ. މިމެޗުން ފްރާންސް 1-0 އިން މޮޅުވިއިރު ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސެމުއެލް އުމްޓީޓީ އެވެ.

ފްރާންސް އެންމެފަހުން ވޯލްޑްކަޕްގެ ފައިނަލްގައި ކުޅުނީ މީގެ 12 އަހަރުކުރީން 2006 ވަނަ އަހަރު ޖަރުމަންގައި ބޭއްވި މުބާރާތުގައެވެ. އެފަހަރު ފައިނަލްގައި އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ހިތްދަތިގޮތަކަށް ބަލިވިނަމަވެސް އޭގެ 8 އަހަރުކުރީން އަމިއްލަ ޤައުމުގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ބްރެޒިލް ބަލިކޮށް ތަށި އުފުލާލައިފައިވެއެވެ.

މިމެޗަށް ފްރާންސް އާއި ބެލްޖިއަމް ނިކުތްއިރު މީގެކުރީން މިދެޓިމު ބައްދަލުކުރި 73 މެޗުގެ ތެރެއިން ގިނަ މެޗުން މޮޅުވެފައިވަނީ ބެލްޖިއަމް އެވެ. އެހެންނަމަވެސް ވޯލްޑްކަޕްގައި މިދެޓީމު އެންމެ ފަހުން ކުޅުނު ދެމެޗުންވެސް މޮޅުވީ ފްރާންސް އެވެ.

ބެލްޖިއަމް އަށް މިމެޗަށް ނިކުތްއިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތޯމަސް މޫނިއޭ އަށް ދެ ރީނދޫކާޑް ހަމަވުމުގެ ސަބަބުން މިމެޗުގައި ކުޅެވޭގޮތްނުވުމެވެ. އޭނާގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ މޫސާ ޑެމްބެލޭ އެވެ.

ފްރާންސް އިން މިމެޗަށް ނިކުތީ އެޓީމު އެންމެ ފަހުން ކުއާޓާ ފައިނަލްގައި އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ އިތުރަށް އެމެޗުގައި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ބްލެއިޒް މަޓުއިޑީ ހިމަނައިގެންނެވެ.

ސެއިންޓް ޕީޓަސްބާގް ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ފެށިގެން ތިންވަރަކަށް މިނެޓު ފްރާންސުން ކޮންޓްރޯލް ކުރިނަމަވެސް އޭގެ ފަހުން ބެލްޖިއަމް ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެފައެވެ. އެހެންނަމަވެސް ލިބޭ ކައުންޓާއެޓޭކްތަކުގައި ފްރާންސުން ދިޔައީ ގިނަ ހަމަލާތަކެއް އުފައްދައި ބެލްޖިއަމްގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން މި ހާފުގައި ގިނަ ހަމަލާތައް ގޯލަށް ފޮނުވާލާފައިވަނީ ފްރާންސުންނެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ފްރާންސް ގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ވަނީ ރަނގަޅު ފުރުޞަތެއް ތަނަވަސްކޮށްފައެވެ. ކިލިއަން އެމްބާޕޭ އަށް އޭނާ ދިން ބޯޅަ ލިބުމުގެ ކުރީން ބެލްޖިއަމްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ވަނީ ކުރިއަށް ނިކުމެ ސަލާމަތްކޮށްފައެވެ.

އޭގެ ދެމިނެޓުފަހުން ބެލްޖިއަމްގެ ކެވިން ޑިބްރޫނާ ދިން ބޯޅައަކުން އެޑެން ހަޒާޑް ފޮނުވާލި ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މިމެޗުގައި ފްރާންސްގެ ފަރާތުން ބެލްޖިއަމްގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ ފެނިގެންދިޔައީ 18 ވަނަ މިނެޓުގައި މަޓުއިޑީ ގެ ފަރާތުންނެވެ. ބެލްޖިއަމްގެ ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ ވަނީ ކޯޓުއާ ދިފާޢުކޮށްފައެވެ.

އޭގެ މިނެޓެއްފަހުން ބެލްޖިއަމްގެ ހަޒާޑް ފްރާންސް ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބޯޅަ ވަނީ ރަފައެލް ވަރާން ބޮލުން ކޯނަރަކަށް ބޭރުކޮށްލާފައެވެ.

މިހާފުގައި ބެލްޖިއަމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު ލިބުނީ 22 ވަނަ މިނެޓުގައި ޓޮބީ އަލްޑަވިރެލްޑަށެވެ. ފްރާންސްގެ ޕެނަލްޓީއޭރިޔާތެރޭގައިހުރެ އޭނާ ފޮނުވާލި ބޯޅަ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ،

އޭގެފަހުން ފްރާންސްގެ އޮލިވިއޭ ޖިރޫ އަށް ވަނީ ލަނޑުޖަހާނެ ދެފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. އޭނާ ފޮނުވާލި ދެ ބޯޅަވެސް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

މިހާފުގައި ފްރާންސް އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު މެޗުގެ 39 ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޯޅައަކުން ޕަވާޑު ފޮނުވާލުމުން ކޯޓުއާ ވަނީ ސަލާމަތްކޮށްފައެވެ.

ބެލްޖިއަމް އަދި ފްރާންސްގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަ ފޯރިގަދަ ފުރަތަމަ ހާފު ގައި ދެޓިމަށްވެސް ލަނޑު ޖަހާނެ ފުރުޞަތުތަކެއް ލިބިގެންގޮސްފައިވީނަމަވެސް މިހާފު ނިމުނީ ދެޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 51 ވަނަ މިނެޓުގައި ޖިރޫ އަށް ވަނީ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ބެލްޖިއަމް ގެ ޕެނަލްޓީއޭރިޔާތެރެއިން ލިބުނު ބޯޅަ އޭނާ ފޮނުވާލުމުގެ ކުރީން ވިންސެންޓް ކޮމްޕެނީ ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ. އޭގެ ފަހުން އެންޓޮއިން ގްރީޒްމަން ނަގައިދިން ކޯނަރަކުން ސެމުއެލް އުމްޓީޓީ ވަނީ ފްރާންސް އަށް ލީޑް ނަގައިދީފައެވެ.

56 ވަނަ މިނެޓުގައި ޖިރޫ އަށް ވަނީ ފްރާންސް ގެ ލީޑް ފުޅާކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެމްބާޕޭ ދިން ވަރަށް ރީތި ޕާހަކުން ޖިރޫ އަށް ދިން ބޯޅަ އޭނާ ފޮނުވާލުމުގެކުރީން ޑެމްބެލޭ ވަނީ ދިފާޢުކޮށްފައެވެ.

61 ވަނަ މިނެޓުގައި ޑްރީސް މާޓެންސް ނަގައިދިން ހުރަސް ވަރާން ބޮލުން ދިފާއުކުރަން އުޅުމުގެތެރޭގައި ފްރާންސްގެ ޕެނަލްޓީއޭރިޔާތެރޭގައި ހުރި ޑިބްރޫނާ އަށް ލިބުމުން މާ ރަނގަޅަށް ފޮނުވާލެވޭގޮތެއްނުވިއެވެ.

އޭގެފަހުން 65 ވަނަ މިނެޓުގައި މާޓެންސް ނަގައިދިން ހުރަހަކުން މަރުއާން ފެލައިނީ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ބެލްޖިއަމް ގެ އެކްސެލް ވިޓްސަލް ފޮނުވާލީ ބާރު ހަމަލާވަނީ ފްރާންސް ގެ ކެޕްޓަން ލޮރިސް މަތަކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތުނިމެން މިނެޓަކަށްވެފައިވަނިކޮށް ބެލްޖިއަމްގެ ޑިބްރެއިނާ ނަގައިދިން ހުރަހަކުން ރޮމެލޫ ލުކާކޫ އަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. ޑިބްރެއިނާ ނަގައިދިން ހުރަހަކުން އައި ބޯޅަ ލުކާކޫ އަށް ލިބޭގޮތެއް ނުވިއެވެ.

އޭގެފަހުން މެޗުގެ އިތުރުވަގުތުގައި ފްރާންސްގެ ގްރީޒްމަން އަދި ކޮރެންޓިން ޓޮލީސޯ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ބެލްޖިއަމްގެ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފައެވެ.