އަންހެނުންނަށް ފުރުޞަތުތައް ހޯދައިދޭން އިސްވެ މަސައްކަތް ކުރަންޖެހޭކަމުގައި ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މުލަކަތޮޅު މުލަކުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްޓަކައި މިއަދު މެންދުރު އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންނެހުންނަށް ހާއްސަ އެތައް ކަމެއް ހުންނަކަމަށާއި، ފިރިހެނުން ކޮށްދިނުމަށް ލާޒިމުކަންކަން ވެސް ހުންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ލޯތްބާއި ކުލުނާއެކު އަންހެނުންނާއި މުއާމަލާތުކުރުން ޖެހޭ ކަމަށެވެ.
އަދި ހަޔާތުގައި އެންމެ އުފާ ހޯދައިދޭ ބައިވެރިޔަކީ އަންހެނުންކަން ޤަބޫލުކުރަން ޖެހޭކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދެން މިސަރުކާރުން އިސްކަމެއްދެއްވާނީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް ހިމެނޭ ޒުވާނުންގެ ގިންތިއަށް ކަންތައްތަކެއް ކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެމަނިކުފާނު ބޭނުންފުޅުވަނީ ޒުވާނުންގެ ޖީބުތައް ތަނަވަސްކޮށްދެއްވައި އެކުދިންގެ އާއިލާތަކަށް ބޭނުންވާ ކަންކަން ކޮށްދޭބަޔަކީ ޒުވާނުން ކަމުގައި ހެއްދެވުމަށް ކަމަށާއި އެހެންކަމުން ޒުވާނުން ބޭނުންވާ ހުރިހާ ކަމެއް ފުއްދަވައިދެއްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކަމެއްކުރައްވައިގެން އެކަމަކުން ރަނގަޅު ނަތީޖާ ނުލިބޭނެ ކަންކަން މިސަރުކާރުން ނުކުރައްވާކަން ކަށަވަރުކޮށްދެއްވަމުން މި ސަރުކާރުން ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގުމަށްޓަކައި ނަގާފައިވާ ލޯނުތަށް ދެއްކުމުގެ ޤާބިލުކަން ސަރުކާރަށް ލިބިފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މާތް ﷲ ގެ އިރާދަފުޅާލައިގެން ކުރިއަށް އޮތް ދައުރަށް ފުރުޞަތު ލިބިވަޑައިގެންފި ކަމުގައިވާނަމަ ދަރުމަވަންތަ ހޮސްޕިޓަލެކޭ އެއްގޮތަށް އެ ފެންވަރަށް ޚިދުމަތްދޭ އަންހެނުންނާ ކުޑަކުދިންނަށް ޚާއްޞަ ޤައުމީ ހޮސްޕިޓަލެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. އަދި ދޮށީ އުމުރުގެ ރައްޔިތުންގެ އަގުވަޒަންކުރެއްވުމުގެ ގޮތުން އެބޭފުޅުންނަށް މިހާރު ދެމުންދާ އިނާޔަތް ކުރިއަށް އޮތްތާނގައި ބޮޑުވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ޑިމޮކްރަސީގެ ނިޒާމު އުފުލަން ވާނީ އެބަޔަކަށް އުފުލޭ މިންވަރަކަށް ކަމަށާއި ބޭރު ޤައުމުތަކުގެ ޑިމޮކްރަސީގެ ނިޒާމު ދިވެހިރާއްޖޭގެ ތައްގަނޑަކަށް ނުފެތޭނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ އަބަދުވެސް ސަރުކާރުން ވިސްނުން ގެންގުޅޭނީ ތަރައްޤީއާއިއެކީ ރައްޔިތުންނަށް އުފާ ފާޤަތިކަން ގެނެސްދެވޭނެ ގޮތްތައް ހޯއްދަވައި ދެއްވުމަށްކަމުގައެވެ. އެގޮތުން ރައްޔިތުންނަށް ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވާނީ މި ސަރުކާރުން ކަމުގައި ރައީސް ވިދާޅުވިއެވެ.