Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އެންމެ އަގު ހެޔޮ ފްލެޓް ލިބޭ ސްކީމް އެސްޓީއޯގައި

އެސްޓީއޯ ހައުސިން ސްކީމް ތަޢާރަފްކުރުމުގެ ތެރެއިން - ފޮޓޯ: އެސްޓީއޯ (ޓްވިޓާ)

ހެޔޮއަގުގައި ފްލެޓް ލިބޭ ސްކީމެއް ތައާރަފުކޮށް އެސްޓިއޯގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އެސްޓީއޯގެ މުވައްޒަފުންނަށް ފްލެޓް ލިބޭ މި ސްކީމް ތައާރަފުކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި އެސްޓީއޯގެ ޗެއަރމަން ހުސެއިން ޞާލިމް މުޙައްމަދެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމަށްވާ "ހިޔާ"ގެ ދަށުން އެސްޓީއޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެކުންފުނިން ވަނީ ސާދަބުރީގެ 2 ޓަވަރު ޢިމާރާތްކުރުމަށް ނިންމާފައެވެ.

މި ދެޓަވަރުގައި އެކުންފުނީގެ މުވަޒަފުންނަށް ޚާއްސަކޮށްގެން 304 އެޕާޓްމަންޓް ހުންނާނެ ކަމަށާއި އޭގެތެރޭގައި އެއް ކޮޓަރީގެ 68 އެޕާޓްމަންޓާއި ދެ ކޮޓަރީގެ 36 އެޕާޓްމަންޓްގެ އިތުރުން ތިން ކޮޓަރީގެ 144 އެޕާޓްމަންޓް އަދި ޕްރިމިއަމް އެޕާޓްމެންޓްގެ ގޮތުގައި 56 އެޕާޓްމަންޓް ހުންނާނެ އެވެ.

އެސްޓީއޯ އިން މަޢުލޫމާތު ދޭ ގޮތުގައި މި ފްލެޓްތަކުގެ ތެރެއިން އެއްކޮޓަރީގެ އެޕާޓްމަންޓްގެ އަގަކީ 970،000 ރ. އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ 1.3 މިލިއަން ރުފިޔާ ކަމަށްވާއިރު، ތިންކޮޓަރީގެ އެޕާޓްމަންޓްގެ އަގު 1.6 މިލިއަން ރުފިޔާއަށް އަރައެވެ. މީގެ އިތުރުން ޕްރިމިއަމް އެޕާޓްމަންޓްގެ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ.

"ހިޔާ" މަޝްރޫޢުގެ އެސްޓީއޯ ފްލެޓް ސްކީމް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ އެސްޓީއޯގެ މުވައްޒަފުންނަށް ހުޅުވާލި ހައުސިންގ ސްކީމަކީ ރާއްޖޭގެ އެއްވެސް ކުންފުންޏަކުން ތަޢާރަފްކޮށްފައި ނުވާ ވަރުގެ އަގު ހެޔޮ ސްކީމެ އްކަމަށެވެ.

އަދި މި ސްކީމްތަކަށް ފައިސާދެއްކުމަށް މުވައްޒަފުންނަށް ހުރި ފަސޭހަގޮތްތައް ދެނެގަނެ އެންމެ ފަސޭހަގޮތެއް އެކަމުގައި ޚިޔާރުކޮށްފައިވާ ކަމަށާއި، މި ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާ ގިނަ މުވައްޒަފުންތަކަކަށް ފްލެޓް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވެސް ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ މި ސްކީމްގެ ދަށުން އެއްކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތި ލުމުގެ ފުރުސަތު އެސްޓީއޯގައި މަސައްކަތްކުރާތާ ތިން އަހަރުވެފައިވާ މުވައްޒަފުންނަށެވެ. އަދި އެސްޓީއޯގައި މަސައްކަތްކުރާތާ ފަސްއަހަރުވެފައިވާ ކޮންމެ މުވައްޒަފަކަށް ދެންހުރި ހުރިހާ ކެޓަގަރީއަކަށް ކުރިމަތިލެވޭނެ އެވެ.

"ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެސްޓިއޯއިން އަޅާ ޓަވަރުތަކުގެ ބިންގާ މިދިޔަ އަހަރު ފެބްރުއަރީ މަހު އަޅާފައިވާއިރު، އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެސްޓިއޯއިން ބުނެއެވެ.