ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދެމުން ގެންދާ އިނާޔަތް 5000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު މ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ. މުލީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާނަމަ ކޮންމެ ރަށެއްގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން މަދުން ނަމަވެސް އެބަތިބި ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އިތުރު ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށެވެ.
އަދި "ޤާބިލް"ގެ ނަމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކޮށްގެން ހިންގާ މަޝްރޫޢުގެ އަމާޒަކަށް ވާނީ އެފަދަ ކުދިންގެ ތެރެއިން ވަޒީފާ ނުލިބޭ ކުދިންނަށް ވަޒީފާ ހޯދައިދިނުން ކަމަށާއި އެފަދަ ކުދިންނަށްވެސް އެކުދިންގެ ބޭނުންތައް ފުއްދުމަށް ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސައި ދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ނުލިބޭ ނުވަތަ އެކަން ނުކުރެވޭ ކޮންމެ ކުއްޖަކަށް ސަރުކާރުން ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ކުއްޖަކަށް 5000 ރުފިޔާގެ އިނާޔަތެއް ކަށަވަރުކޮށްދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ބޭނުންވަނީ ރައްޔިތުންނަށް އޯގާތެރި ސަރުކާރަކަށް ވާން ކަމަށާއި ރާއްޖޭގެ ތާރީޚުގައި ވެސް ކާއްޞަ ނިޒާމަކާއި އުޞޫލެއްގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނީ މި ސަރުކާރުން ކަމަށެވެ.