ޚަބަރު

"އީޔޫން އަޅުގަނޑަށް ފިޔަވަޅު އެޅިއަސް އުފާކޮށްގެން ނުވާނެ"

ރައީސް ޔާމީން ހަފްލާއެއްގެ ތެރޭގައި، ފޮޓޯ: ޓްވިޓަރ

ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން މިމަހު މެދުތެރޭ ރައިސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ސިޔާސީ ފަރާތްތަކާއި މެދު ފިޔަވަޅު އެޅިއަސް އެއްވެސް ދިވެއްސަކު އުފާ ނުކުރުމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މ. މުލީ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ދިއްގަރު ދާއިރާގެ ރައްޔިތުންނާއި މުޙާޠަބްކޮށް ދެއްކެވި ވާހަކަފުޅު ތަކުރާރު ކުރައްވާފައެވެ. ރައީސް ވިދާޅުވީ އީޔޫއިން ފިޔަވަޅު އަޅާނީ ސީދާ އެމަނިކުފާނާއި އަރިސް ބޭފުޅުންނަށް ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.

މީގެ ސަބަބުން ދިވެހިންނަށް ގެއްލުންތަކެއް ވެދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުން އަންގައިފި ނަމަ އީޔޫއަށް ތަބާވާނެ ކަމަށާއި ނަމަވެސް އީޔޫއަށް ތަބާވާން ރައްޔިތުން އަންގާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންނާ ދޭތެރޭގައި ފިޔަވަޅު އެޅީމަ ދިވެއްސަކު ކޮށްގެން ނުވާނެ ކަމަކީ އުފާ ފާޅުކުރުން. އެއީ ކުރެވިގެން ވާނެ ކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އީޔޫއިން ރާއްޖެއާއި މެދު ފިޔަވަޅު އަޅަނީ އިދިކޮޅު ފަރާތްތަކުން ރާއްޖެ އާއި މެދު ދައްކާފައިވާ ދޮގު ވާހަކަތަކުގެ މައްޗަށް ބިނާ ކޮށް ކަމަށާއި އަޅާ ފިޔަވަޅުން އަރައިގެނެވޭނެ ގޮތެއް އޮންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުން އިދިކޮޅު ފަރާތްތަކަށް ފުރުސަތު ދޭން އީޔޫއިން ބޭނުންވި ނަމަވެސް އެމީހުން ޖަލަށް ވަދެފައިވާތީ އެ ފުރުސަތަކީ ރައިސަށް ހޯދައި ދެވޭނެ ފުރުސަތެއް ނޫންކަމަށް ރައިސް ޔާމީން ވިދާޅުވިއެވެ.

ރައީސް ތަކުރާރުކޮށް އީޔޫއިން ފިޔަވަޅު އަޅާ ވާހަކަ ދައްކަވަމުން އަންނަ އިރު ސަރުކާރުން ކުރިން ބުނެފައިވަނީ އީޔޫއިން ރާއްޖެ އާއި މެދު ފިޔަވަޅު ނާޅާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.