Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ނަޝީދުގެ ޓްވީޓާއެކު ޝަހީމުގެ ދިފާއުގައި އިލްމުވެރިން

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓުގެ ގޮތުގައި އައްޔަން ކުރެއްވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ރާއްޖެއިން އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓު ކުރާ ބޭފުޅެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓަކާ ގުޅިގެން އިލްމުވެރިންގެ މެދުގައި ނަޝީދަށް ނުރުހުން އަމާޒު ވެއްޖެއެވެ.

އިއްޔެ ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޑރ. ޝަހީމަކީ އައިއެސް ޖަމާއަތަށް ރާއްޖެއިން މީހުން ރެކްރޫޓު ކުރުމުގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށާއި ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޝަހީމަށް ތާއީދު ކުރުމަކީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމަށް ލިބުނު ބާރެއް ކަމަށެވެ.

ނަޝީދުގެ މިޓުވީޓާ ގުޅިގެން ބައެއް އިލްމުވެރިންގެ ފާޑުކިޔުންތައް އެމަނިކުފާނަށް ރައްދު ވެފައިވާއިރު ޑރ. ޝަހީމް އަދި އެ ޓުވީޓަށް ރައްދު ދީފައެއް ނުވެއެވެ. ނަޝީދުގެ ޓުވީޓާ ދެކޮޅުވި އިލްމުވެރިންގެ ތެރޭގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނަ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒާއި ޝެއިޚް އަނީލް ފަދަ އިލްމުވެރިން ހިމެނެއެވެ.

ޝެއިޚް އަނީލް ނަޝީދަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޑރ. ޝަހީމާ ގުޅިގެން ނަޝީދު ދެއްކެވި ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އޭނާގެ އެވާހަކައަށް ތާއީދު ކުރައްވަމުން ޑރ. އިޔާޒް ވިދާޅުވެފައިވަނީ ކެމްޕޭނު ކުރުމުގެ ނަމުގައި މީހުން އަބުރު ކަތިލައި، ދޮގު މައުލޫމާތު ފެތުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޝަހީމް އައްޔަން ކުރުމުން ރާއްޖޭގެ އިލްމުވެރިންގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދުނެވެ. ބައެއް އިލްމުވެރިން ޝަހީމްގެ ފަހަތަށް ޖެހިވަޑައިގެންފައިވާއިރު ބައެއް އިލްމުވެރިން ވަނީ ކޮރަޕްޝަނާ ފަސާދައިގެ ކޮޅު ޝަހީމް ނަންގަވާފައިވާ ކަމަށް ބުނެ ފާޑުވިދާޅުވެފައެވެ.