Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ކަޅުތެޔޮ ހޭކީ އަމިއްލަ އަށް: އަދުރޭ

އެމްޑީޕީ އެއީ މުޅިން ފޭކް ޕާޓީއެއް ކަމަށާއި، އަމިއްލައަށް ގައިގަ ކަޅުތެޔޮ ހާކައިގެން އެހެން މީހުންގެ ބޮލުގައި އިލްޒާމް އަޅުވަން އުޅުނަސް އެކަމެއް މިހާރަކު ރާއްޖޭގެ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިބްރާހިމް މުހައްމަދު ސޯލިޙް(އިބޫ) ގެ ކެމްޕެއިން އަށް ހުޅުމާލޭގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުން ގަޔަށް ކަޅު ތެޔޮ އިއްޔެ ޖަހާފައިވާ ހާދިސާއަށް އިޝާރާތް ކުރައްވާ މި ގޮތަށް އަދުރޭ ވިދާޅުވީ އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

މި ޓްވީޓްގައި އަދުރޭ ވިދާޅުވެފައިވަނީ "އެމްޑީޕީ ތިއީ މުޅިން ފޭކް ޕާޓީއެއް. އަމިއްލައަށް ގައިގަ ކަޅުތެޔޮ ހާކައިގެން އެހެން މީހުންގެ ބޮލުގަ އިލްޒާމް އަޅުވަން އުޅުނަސް ތިޔަ ކަމެއް މިހާރަކު މި ރާއްޖޭގެ މީހުން ގަބޫލެއް ނުކުރާނެދޯ؟" މިހެންނެވެ.

އަދުރޭ ވަނީ ތަފާތު އެކި ފަހަރު މަތިން އެމްޑީޕީއަށް ފާޑު ވިދާޅުވެ އެކި ކަންކަމުގައި ހަޖޫ ޖައްސަވާފައެވެ. އެގޮތުން މިމަހުގެ ތިން ވަނަ ދުވަހު ށ.މިލަންދޫގައި އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ބެހޭގޮތުން އެޕާޓީގެ ކޮންގްރެސް އިން ފާސްކުރި ކަންތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަދުރޭ ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ޓިކެޓަކީ "ލޮނދި" ޓިކެޓެއް ކަމުގައި ވިދާޅުވެފައެވެ.