ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދާ ސ. ފޭދޫ ބޮޑު މަގުގައި ޖަހަން ޖެހޭ މަގު ބައްތި ނުޖަހައި ނިންމާލާކަމުގެ ހަބަރު ލިބިއްޖެ އެެވެ.
އިތުބާރު ހުރި ގޮތަކަށް "އައްޑޫ ލައިވް" އަށް އެގިފައިވާ ގޮތުގައި ފޭދޫ ބޮޑު މަގުގައި ބައްތި ނުޖަހައި ނިންމާލަނީ ބައްތި ޖެހުމަށް އެސްޔޫއެލް އިން މަސައްކަތް ކުރަމުން ދަނިކޮށް މަގުގެ ދެ ފަރާތުގައި ބައްތި ޖަހަން ޖެހޭނެ ކަމަށް ފޭދޫ ކައުންސިލަރު އަހުމަދު މިރުޒާދު ކައުންސިލަށް ހުށަހެޅުމާއި ގުޅިގެންނެވެ.
އެގޮތުން ކައުންސިލަށް ހުށަހެޅުނު މައްސަލައަށް ކައުންސިލުން ވަކި ގޮތެއް ނިމިފައި ނުވާކަމަށްވެއެވެ.
މިކަމާއ ގުޅިގެން ކައުންސިލަރު މިރުޒާދު އަށް ގުޅި އިރު އޭނާގެ ފޯނު ވަނީ ނިއްވާލާފަ އެވެ.
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ބޮޑު މަގު ހަދަމުންދާއިރު މަގުގައި ޖަހަންޖެހޭ ބައްތި ޖަހަމުން ދަނީ ކައުންސިލުގެ އިރުޝާދުގެ ދަށުން ސަދަން ޔޫޓިލިޓީ ކުންފުނިންނެވެ.
ސަދަން ޔޫޓިލިޓީން ވަނީ މަރަދޫ އަދި މަރަދޫ ފޭދޫގެ ބޮޑުމަގުގެ އެއްފަރާތުގައި މަގުބައްތި ޖަހައި ދިއްލަން ވެސް ފަށާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭދޫގެ ބޮޑުމަގުގައި ދެން ބައްތި ޖަހާނީ އައިސީސީން މަގުހަދައި ނިމުމުންނެވެ. އަދި މަގުގެ ދެ ފަޅީގައި ބައްތި ޖަހަން ޖެހިއްޖެ ނަމަ އެ ކަމަށް ބޮޑު ހަރަދެއް ހިގާނެ ކަމަށް ވެ އެވެ.