ރިޕޯޓް

ޒަމީރުގެ "ސަޅިބައިސާ"، ރައްޔިތުންގެ ރުޅި ސަރުކާރަށް!

އޮކްޓޯބަރު، 28، 2015 ގައި ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާއި އެކުހެން މިނިސްޓަރު ޒަމީރު އައްޑޫއަށް ވަޑައިގެންނެވިއެވެ. އައްޑޫގެ ގޮނޑުދޮށްތަކުގައި ޒަމީރު ހުންނަވާ މަންޒަރު ފެންނަ ފޮޓޯތަކާއި އެކު ޕީޕީއެމްގެ އެކްޓިވިސްޓުން ބުނަމުން ގެންދިޔައީ "ބިޔަ މަޝްރޫޢޫތައް" އަންނަނީ ކަމަށެވެ. ޚުދު ޒަމީރުގެ ފަރާތްޕުޅުން ވެސް ރައްޔިތުންނަށް ދެއްވި މެސެޖަކީ އެއީއެވެ.

އެހެން ނަމަވެސް ޒަމީރު ފަތުރުވެރިކަމުގެ ވުޒާރާ އާއި ހަވާލުވެ ހުންނަވާތާ 1000 ދުވަސް ވާން ކައިރިވެފައިވާއިރު އެ "ބިޔަ މަޝްރޫޢުތައް" ފެންނަ ވަރެއް ނުވެއެވެ. ތިން ހާސް އެނދު ޤާއިމްކުރުމަކީ "އަމާޒެއް" ކަމަށް ޒަމީރު ވިދާޅުވި ފަހުން އައްޑޫގައި ފަތުރުވެރިކަމުގެ އެންމެ އެނދެއް ވެސް އިތުރެއް ނުވެއެވެ.

ފަތުރުވެރިކަމުގެ އެނދުތައް އިތުރު ކުރުމަށް ޒަމީރު އިސްވެ ހުންނަވައިގެން އިއުލާން ކުރެއްވި މަޝްރޫޢުތަކުގެ މަސައްކަތެއް ވެސް ނުފެށެއެވެ. އެ މަޝްރޫޢުތަކަށް ވީގޮތެއް އެނގޭ މީހަކު ޓޫރިޒަމް މިނިސްޓްރީ އަކު ވެސް ނެތެވެ. ޚުދު މިނިސްޓަރު ޒަމީރަށް ވެސް "ބިޒީ" ކަމުން އެ ސުވާލަށް ޖަވާބެއް ދެވޭކަށް ނެތެވެ.

މިނިސްޓަރު ޒަމީރު ޝަރަފްވެރިކޮށްދެއްވި "އައްޑޫ އިންވެސްޓާސް ފޯރަމް"ގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ، "ކުރިއަށް އޮތް ދެ މަސް ތެރޭގައި އައްޑޫގައި ގެސްޓް ހައުސްގެ މަޝްރޫޢު ފެށޭނެ" ކަމަށެވެ. އޭގެ ފަހުން އަހަރެއް ވީއިރުވެސް އެ ގެސްޓް ހައުސްގެ ހިލަމެއް ވެސް ނުވެއެވެ. އެ މަޝްރޫޢު ހުއްޓާލީ ކަމެއް ނުވަތަ މަޑުޖައްސާލީ ކަމެއް ވެސް އެނގޭކަށް ނެތެވެ.

18 މަސް ދުވަހުން ނިންމަން ބުނި ގެސްޓް ހައުސް މަޝްރޫޢު ނުފެށި 14 މަސް ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. އެންމެ ކުޑަމިިނުން ސަރުކާރުގެ ގެޒެޓްގައި އެ މަޝްރޫޢާއި ބެހޭ އިއުލާނެއް ވެސް ކޮށްފައެއް ނުވެއެވެ.

އައްޑޫގެ ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި ފަތުރުވެރިކަން ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ޝައުޤުވެރިކަން އެމީހުންގެ ވެސް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެކަމުގެ ޝައުޤުވެރިކަމެއް މިނިސްޓަރު ޒަމީރުގެ ނެތް ކަމަށެވެ.

"އަޅުގަނޑުމެން ޝައުޤުވެރިކަން ހުއްޓަސް ވަޒީރުގެ ފަރާތުން ނުފެނޭ އެކަމެއް. އެންމެ ފަހުން އައްޑޫއަށް ދިޔަ ފަހަރުވެސް އެބޭފުޅާ މިއުޅުއްވަނީ ޕީޕީއެމް އެކްޓިވިސްޓުންނާއި އެކު އެއް ބައްދަލުވުމުން އަނެއް ބައްދަލުވުމުން. އަބަދުވެސް ބިޒީ. ބިޒީ" އައްޑޫގެ ވިޔަފާރިވެރިޔަކު ބުންޏެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ގިނަ ވިޔަފާރިވެރިން ބުނާ ގޮތުގައި، މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިއުލާންކުރި ގެސްޓް ހައުސް މަޝްރޫޢު ކުރިއަށް ނުދަނީ ފަތުރުވެރިކަމުގެ ވުޒާރާ ނާޤާބިލުކަމުންނެވެ. އޭގެ ސަބަބެއް ކަމަށް ވިޔަފާރިވެރިން ބުނެފައިވަނީ، މަޝްރޫޢު ކުރިއަށް ނުދާއިރު ވެސް އެކަމާއި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އެއްޗެއް ވިދާޅުނުވެ "ހަނު" ހުންނެވުމެވެ.

އައްޑޫގައި ތިއްބެވި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުންނަށް ވެސް އެންމެ ގިނައިން އަންނަ ޝަކުވާ އަކީ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ޝަކުވާއެވެ. އެ ޝަކުވާތަކަށް ދޭނެ ޖަވާބެއް އެ މެންބަރުންގެ ވެސް ނެތެވެ.

"ސީދާ މެންބަރު ނުބުންޏަސް އެނގޭ ވާހަކަތަކުން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ އެއްބާރުލުން ނުލިބެނީކަން. އެހެން ވަޒީރުންނަށް ވުރެ އައްޑޫއަށް ވަޑައިގެންނެވިޔަސް ޒަމީރު އަކީ މާ ބޭފުޅުވަންތަ ވަޒީރެއް." ފޭދޫގެ ޕީޕީއެމް އެކްޓިވިސްޓަކު ބުންޏެވެ.

އައްޑޫގައި ގެސްޓް ހައުސްގެ ބިޔަ މަޝްރޫޢު އިއުލާން ކުރެއްވި ފަހުން ޕީޕިއެމްގެ ކެމްޕެއިން ހަރަކާތްތަކަށް މިނިސްޓަރު ޒަމީރު ވަނީ އެތައް ފަހަރަކު އައްޑޫއަށް ވަޑައިގެންފައެވެ. އެހެން ނަމަވެސް އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވާ ވާހަކައެއް ނުދައްކަވައެވެ.

އަމިއްލަފުޅަށް ވައުދުވެވަޑައިގެންނެވި މަޝްރޫޢުތަކުގެ ވާހަކަ ނުދައްކަވައި ރައްޔިތުންގެ ތާއީދު ހޯދަން ޒަމީރު ކުރިއަށް ނިކުމެވަޑައިގަތުމުން ހަގީގަތުގައި ސަރުކާރަށް އަމާޒުވަނީ ރައްޔިތުންގެ ރުޅިވެރިކަމެވެ.