މިމަހުގެ 4 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ކަން ޓްވީޓާ މެދުވެރިކޮށް އޭނާގެ ފޭނުންނާއި ހިއްސާކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ސޮނާލީ ބެންޑްރޭ އޭނާގެ އިސްތަށިގަނޑު ކޮށާލައިފިއެވެ.
މިވަގުތު ނިއުޔޯކްގައި އޭނާގެ ބައްޔަށް ފަރުވާ ހޯދަމުންދާ ސޮނާލީ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް ކުރިމަތިލާން ޖެހިފައިވާ އުނދަގޫ ތަކާއި އެކަންތަކުން އަރައިގަންނަން އޭނާ ކުރާ މަސައްކަތް ހިއްސާ ކުރަމުންނެވެ.
އޭނާ ވަނީ އޭނާއަށް ފަރުވާގެ ތެރޭގައި ހިމެނޭ އިސްތަށިގަނޑު ކޮށާލުމުގެ ވީޑިއޯ އާއި ފޮޓޯތައް އާންމުންނާއި ހިއްސާކޮށްފައެވެ. އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއިން ފެނިގެން ދަނީ އިސްތަށިގަނޑު ކުރުކޮށްލާފައިވާ މަންޒަރެވެ.
މޫނު މަތިން ފެންނަން ހުރި ހިނިތުންވުމުން އޭނާގެ މާޔޫސް ކަމެއް ނެތްފަދަ ގޮތަކަށް ދައްކުވައިދެއެވެ.
ސޮނާލީ، 43، ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން ރަންވީރް ބޭލް ކިޔާ 12 އަހަރުގެ ފިރިހެން ދަރިއަކު ވެސް އެބަ ހުއްޓެވެ. އޭނާ ކެންސަރަށް ފަރުވާ ހޯދާކަން ޓްވިޓާގައި ހިއްސާ ކުރުމާ އެކު، ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ ހެޔޮދުއާކޮށް ހިތްވަރުދީ ޓްވީޓްކޮށްފަ އެވެ.