Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ޖެންޑާގެ އޮޑިޓްގައި ގާނޫނާ ޚިލާފު ގިނަ މައްސަލަތަކެއް

އޮޑިޓާ ޖެނަރަލްގެ އޮފީހުން ޖެންޑަ މިނިސްޓްރީން މިދިޔަ އަހަރު ކުރި ހަރަދުތަކުގެ ތަފްސީލު ހިމެނޭ އޮޑިޓް ރިޕޯޓު މިއަދު އާންމުކުރި އިރު ގަވާއިދާ ހިލާފަށް ފައިސާގެ ގިނަ މުއާމަލާތްތަކެއް ހިންގާފައިވާކަން އެރިޕޯޓުން ހާމަވެއްޖެއެވެ.

މިއަދު އާންމު ކުރި އެ ރިޕޯޓުގައި މާލިއްޔަތުގެ ގާނޫނާ ހިލާފަށް ކޮށްފައިވާ ޖުމްލަ އަށް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އެއްބަސްވުމެއް ނެތި މިނިސްޓްރީގެ މަސައްކަތްތައް މީހުން ލައްވައި އަގު ދީގެން ކޮށްފައިވުން ހިމެނެއެވެ. މީގެ އިތުރުން ސަސްޕެންޝަނުގައި ބަހައްޓާފައި ހުރި މުވައްޒަފަކަށް އަހަރު ނިމެންދެން ގަވާއިދުން މުސާރަދީފައިވާ މައްސަލައެއް ވެސް ހިމަނާފައިވެއެެވެ.

ރިޕޯޓްގަިއވާ ގޮތުން އެއްބަސްވުމެއް ނެތި، ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ ޖެންޑާ މިނިސްޓްރީން މިދިޔަ އަހަރު ހަރަދުކުރި އެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީއާ ހަމައަށް އެއްވެސް މަސައްކަތެއް ހަވާލުނުކޮށް ސަސްޕެންޑް ކޮށްފައިވާ މުވައްޒަފަކަށް ސަސްޕެންޝަން މުއްދަތުގައި މުސާރައިގެ ގޮތުގައި 85000 އަށްވުރެ ގިނަ ރުފިޔާ ދީފައިވާކަން ހާމަކޮށްފައިވެއެވެ. އެ މުވައްޒަފަކީ މިނިސްޓްރީގެ ދަށުން ހިންގާ ޏ އަތޮޅުގެ ޗިލްޑްރަން ސާވިސް ސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ސާވިސް ވޯކާގެ މަގާމުގަ ހުރި މުވައްޒަފެއް ކަމަށް ބުނެފައިވެއެވެ.

އިތުރަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް ކަންތަކަށް ބަލާއިރު މިނިސްޓްރީން ކޮށްފައިވާ ބައެއް މަސައްކަތްތަކުގެ ފީ އިން ރިޓެންޝަން ފީގެ ގޮތުގައި އުނިކުރަންޖެހޭ ބައި އުނިކޮށްފައިނުވުން ފާހަގަ ކުރައްވާފައިވެއެވެ. މަސައްކަތުގެ އަގު ބޮޑުވާގޮތަށް އިއުލާން ނުކޮށް ބައިބަޔަށް ބަހާލައިގެން މިނިސްޓްރީގެ ހަރަކާތްތަކަށް ތަކެތި ގަނެފައިވާ މައްސަލައެއް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެގްރިމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތްތައް ކަނޑައެޅިފައިވާ މުއްދަތަށް ނުނިމުމުން ދައުލަތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް މާލިއްޔަތުގެ ގާނޫނުން ލާޒިމްކުރާއިރުވެސް ގެއްލުމުގެ ބަދަލަށް މިނިސްޓްރީއަށް ލިބެންޖެހޭ 21 ހާހަށްވުރެ ގިނަ ރުފިޔާ އެ މިނިސްޓްރީން ހޯދާފައިނުވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓުގައި ވާގޮތުން އެގްރީމެންޓްގެ މުއްދަތަށްވުރެ ފަހުން ނިންމި މަސްކަތްތަކަށްވެސް އެ މިނިސްޓްރީން ފައިސާ ދައްކާފައިވަނީ އަގުން އެއްވެސް މިންވަރެއް އުނި ނުކޮށެވެ.

މި މައްސަލަތަކާ ގުޅިގެން ދައުލަތަށް ގެއްލުންވާގޮތަށް ހިނގާފައިވާ ހަރަދުތައް ހޯދުމަށާއި މާލިއްޔަތުގެ ގާނޫނާ އެއްގޮތަށް ފައިސާގެ މުއާމަލާތްތަކާއި ހަރަދުތައް ބަލަހައްޓަން ޖެންޑާ މިނިސްޓްރީއަށް އޮޑިޓާ ޖެނަރަލް ވަނީ ލަފާދެއްވާފަ އެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން ނެރޭ މިފަދަ ކޮންމެ ރިޕޯޓަކުން އެތައް މައްސަލައެއް އެކި އެކި މުއައްސަސާތަކުގެ ފާހަގަ ކުރެވެއެވެ.