ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން ހާމަކޮށްފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަ ހަމަ ފުރުސަތު ދިނުމަށް ދައުލަތުގެ ހަތަރު މުވައްސަސާއަކަށް ބަންޑާރަ ނައިބް މުހައްމަދު އަނިލް އަންގަވައިފިއެވެ.
ބަންޑާރަ ނައިބް އަނިލް މިއަދު ހަމަހަމަ ފުރުސަތު ދިނުމަށް އަންގަވާފައިވަނީ ހައުސިން މިނިސްޓްރީ އާއި ފުލުހުން އަދި ޕީއެސްއެމްގެ އިތުރުން ހޯމް މިނިސްޓްރީއަށެވެ.
ވަކިވަކިން އަނިލް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ރިޔާސީ އިންތިހާބު ބާއްވާ ދުވަސް ކައިރިވަމުން އަންނަ އިރު ދައުލަތުގެ ވަސީލަތްތައް ހަމަހަމަ އުސޫލުން ހުރިހާ ފަރާތްތަކަށް ދިނުމަށާއި މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހިކޮށް ދެއްވުމަށެވެ.
އަނިލްގެ ސިޓީގައި ވަނީ ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ ރަނިންމޭޓުންނަށް ދައުލަތުގެ ހަރަދުގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި ދައުލަތުގެ ވަސީލަތްތަކާއި ރަށްރަށުގެ މަގުތަކާއި އާންމު ތަންތަނާއި ދައުލަތުގެ އިމާރާތްތަކާއި ބިންތައް ވެސް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
އަނިލް މިފަދަ ސިޓީއެއް ފޮނުއްވާފައިވާ އިރު އިއްޔެ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ހުޅުމާލޭގައި ޑޯޓުޑޯއަށް ހިންގަވަމުން ދަނިކޮށް ދެމީހަކު ވަނީ އިބޫއަށް ހަމަލާދީ ހަމަ ނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. އެކަމާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށް ސުވާލުކުރި ކަމެެއް ނުވަތަ ނޫންކަމެއް ފުލުހުން ސާފުކޮށްދީފައި ނުވާ އިރު ސަރުކާރަށާއި ފުލުހުންނަށް ދަނީ ބޮޑެތި ފާޑު ކިއުން އަމާޒުވަމުންނެވެ.