ޝަޚްސު އޮޅުވާލިކަމުގެ ކުށުގެ ދައުވާ ސާބިތުވެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން 4 މަހާއި 24 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް އިސްތިއުނާފް ކުރަން މިއަދު ހުށަހަޅައިފި އެވެ.
ފާރިސްގެ މައްޗަށް ޝަޚްސު އޮޅުވާލުމުގެ ދައުވާކުރަނީ ފާރިސް ބައިވެރިވި ޕްރެސް ކޮންފަރެންސެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހުއްދަ ހޯދުމެއް ނެތި އެ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރި މައްސަލައެއްގައެވެ.
ފާރިސްގެ ޤާނޫނީ ވަކީލުންނާއި ހަވާލާދީ "ރާއްޖެއެމްވީ" އިން ރިޕޯޓްކުރާ ގޮތުގައި އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވާ މައްސަލައިގައި މައިގނަޑު 27 ކަމެއް ވަނީ ހިމަނާފައެވެ. ހިމަނާފައިވާނެ ކަމަށެވެ.
ފާރިސްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ 22:13 ގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީއެވެ.
ފާރިސްގެ މައްޗަށް އިއްވި ޙުކުމުގައި ބުނެފައި ވަނީ ޕީޕީއެމް އިން ފާރިސް ވަކިކޮށްފައި ވަނިކޮށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމިނާއި އެ ޕާޓީގެ ކައުންސިލް މެމްބަރުންގެ ހުއްދަ ނެތި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުން ކޮށްފައިވާކަން އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިމައްސަލާގައި ދައުލަތުން ފާރިސްއާއި ދެކޮޅަށް ސިއްރު ހެކި ހުށައަޅާ ހެކިބަސް ނަގާފައިވާއިރު، ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްފައިވަނީ ޕީޕީއެމްގެ ހުއްދަ ނެތިކަމަށްބުނެ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީއެއްވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށައަޅާފައެވެ. މީގެ އިތުރުން ފާރިސް ޕާޓީން ވަކިކުރިކަން ސާބިތު ކުރުމަށް އިލެޝަންސް ކޮމިޝަނުގެ ސިޓީއެއްގެ އިތުރުން ފާރިސް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރި ކަމަށް ބުނާ ނޫސްވެރިންގެ ބައްދަލުވުމުގެ ރެކޯޑިންގްއެއް ވެސް ޝަރީއަތަށް ހުށަހަޅާފައިވެއެވެ.
ފާރިސް މި ދައުވާއިން ދިފާއުވުމަށް 47 މީހަކު ހެކީގެ ގޮތުގައި ހުށަހެޅިއިރު 27 ކިތާބީ ހެއްކެއް ހުށަހެޅިއެވެ. ނަމަވެސް ހެކިބަސް ނެގީ ހަ މީހެއްގެއެވެ.
ފާރިސްގެ މައްޗަށް ޖަލު ހުކުމެއް އައިސްފައިވާ އިރު ދައުލަތުން ވަނީ ރިޝްވަތު ދިނުމާއި ޓެރަރިޒަމްގެ ދައުވާއެއް ފާރިސްގެ މައްޗަށް އުފުލާފައެވެ.