ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތް ޙާލަތު ބަލާ ދެނެގަތުމަށްޓަކައި އދ. ގެ ޓީމެއް އިއްޔެ ރާއްޖެ އަތުވެއްޖެ އެވެ.
އެގޮތުން އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ކުރާ އެ ދަތުރުގެ މަޤްސަދަކީ މިދިޔަ މާޗު މަހު ރާއްޖޭގެ ސިޔާސީ ހަމަނުޖެހުންތަކާއި ކަންބޮޑުވުންތައް ބެލުމަށް ރާއްޖެ އައި އދ. ގެ ވަފްދުން ފާހަގަކުރި ކަންތައްތަކަށް ބަދަލު އައިސްފައިވޭތޯ ބެލުމެވެ.
އެ ވަފުދުން ސަރުކާރުގެ އިސް ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިތުރުން މަދަނީ ޖަމިއްޔާތަކުގެ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ އެވެ.
އދ. ގެ އިތުރުން ބައިނަލްއަޤްވާމީ އެހެނިހެން ޖަމިއްޔާތަކާއި ބޭރު ބައެއް ޤައުމްތަކުން ދަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ މައްސަލަތައް މަޝްވަރާކޮށްގެން ޙައްލުކުރުމަށް ގޮވާލަމުންނެވެ. އެހެންނަމަވެސް މިހާތަނަށް މިފަދަ މަޝްވަރާއެއް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.
އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އިދިކޮޅު ސިޔާސީ ލީޑަރުން ޖަލުގައި ހައްޔަރުކޮށްގެން ސަރުކާރާއެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށާއި މަޝްވަރާ ކުރުމަށް އެއްބަސްވާނީ ސިޔާސީ ހައްޔަރީން ދޫކޮށްލުމުން ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ބުނެފައި ވަނީ މަޝްވަރާތައް ފެއްޓުމުގެ ކުރިން އެއްވެސް ޝަރުތެއް ކުރިމަތި ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ޤާނޫނުތައް ހުރި ގޮތުން ސިޔާސީ ހައްޔަރީން ދޫކޮށްނުލެވޭނެ ކަމަށެވެ.