ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ނެރޭ ރަނިންމޭޓު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން އާއި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލްް ނަސީމް ކުރިމަތިލައްވައިފިއެވެ.
މިއަދު މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ދެ ބޭފުޅުން ވެސް ވަނީ ރަނިންމޭޓު ކަމުގެ ފޯމް ޖުމްހޫރީ ޕާޓީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރާ ހަވާލު ކުރައްވާފައެވެ.
ފޯމް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޑރ. ހުސެއިން ވިދާޅުވީ އެބޭފުޅާއަށް ތާއީދު ކުރައްވާނެ ކަމަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށާއި ކައުންސިލްގެ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
އަދި އެ މަޤާމަށް ހޮވިވަޑައިނުގެންނެވި ނަމަވެސް އެއްވެސް ބޭފުޅަކާ ދޭތެރޭ ހަސަދައެއް ނޯންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ޑރ. ހުސެއިން އިތުރަށް ވިދާޅުވީ އެބޭފުޅާގެ އަޒުމަކީ ރައްޔިތުންނަށްޓަކައި ކޯލިޝަނުން އިންތިޚާބު ކާމިޔާބު ކުރުން ކަމަށެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މިއަދު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ދިވެހިރާއްޖެ އަކީ ޒުވާނުންގެ ޤައުމަކަށް ހަދަން ބޭނުންވާ ކަމަށާއި، ޤައުމު ވެގެންދާނީ މުސްކުޅިންނަށް އަޅާލައި ކުޑަކުދިންގެ ޙައްޤުތައް ޔަޤީންކޮށްދޭ ޤައުމަކަށް ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެންމެން މި ބޭނުންވާ އިސްލާހުގެ މަގަށް ދަތުރުކޮށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ރައްޔިތަކީ އިންސާފުން ބާކީވެގެން ނުދާނެ ރައްޔިތެއް ކަމުގައި ހެދުން،" ފައިސަލް ވިދާޅުވި އެވެ.
އެއާއެކު ރާއްޖޭގެ ކޮންމެ އާއިލާއަކަށް ވެސް ފަޚުރުވެރިކަމާ އެކު އެ މީހަކު ބޭނުންވާ ތަނެއްގައި، އެމީހަކު ބޭނުންވާ ރަށެއްގައި، އެމީހެއްގެ ވަޒަނުގައި ދިރިއުޅެވޭނެ މަގު ހޯދައިދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ޑރ. ހުސެއިން އާއި ފައިސަލްގެ އިތުރުން ޖޭޕީގެ ނާއިބު ލީޑަރެއް ކަމަށްވާ އަބްދުﷲ އަމީން ވެސް ވަނީ ރަނިންމޭޓް ކަމަށް ކުރިމަތިލައްވާފައެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ކައުންސިލް ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓް އިއުލާންކުރުމަށް ހަމަޖެހިފައިވާއިރު، ރައީސް އަބްދުﷲ ޔާމީންގެ ނައިބަކަށް މިހާރު ވަނީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވައިފަ އެވެ.