ޚަބަރު

އިބޫ ކެމްޕޭނަށް ހުކުރު ދުވަހު އައްޑު އަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ނެރޭ ކެންޑިޑޭޓު، އިބްރާޙިމް މުހައްމަދު ސޯލިހް(އިބޫ) އަތޮޅުތަކަށް ކެމްޕޭން ފެއްޓުވުމުގެ ގޮތުން އައްޑޫ ސިޓީއަށް ހުކުރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގެ އެންމެ ދެކުނުން، އައްޑޫ އާއި ފުވައްމުލަކުން އިބޫ ކެމްޕޭނު ފައްޓަވަން ގަސްދު ކުރައްވާފައިވާއިރު އިބޫ ވަނީ މާލޭ ސިޓީގެ ބައެއް އަވަށް ތަކުގައި ދޮރުން ދޮރަށް ހިންގަވައި ބައެއް އާއިލާތަކާއި ބައްދަލު ކުރައްވާފައެވެ. ހުޅުމާލެއިން އިއްޔެ އިބޫގެ ކެމްޕޭނު ޓީމަށާއި އިބޫއަށް ދަތިތަކެއް ކުރިމަތި ވެފައިވާއިރު އިބޫއަށް ހަމަލާ ދޭން ބަޔަކު ވަނީ މަސައްކަތް ކޮށްފައެވެ.

ހުކުރު ދުވަހު ހަވީރު އިބޫ އައްޑޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީން މައުލޫމާތު ދޭ ގޮތުގައި އެރޭ ހިތަދޫ ކެމްޕޭނު ޓީމުތަކާއި އިސް އެޖެންޓުންނާއި އެމްޑީޕީ ހަރުގޭގައި އިބޫ ބައްދަލު ކުރައްވާނެއެވެ. އަދި ޖެހިގެން އަންނަ ދުވަހު އިބޫއާއި ކެމްޕޭން ޓީމު ފޭދޫގައި ދޮރުން ދޮރަށް ކެމްޕޭނު ކުރިއަށް ގެންދަވާނެ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.

އިބޫ އައްޑޫ ސިޓީއިން ފުވައްމުލަކަށް ފުރާ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހު މެންދުރުގެ ވަގުތެއްގައެވެ. އަދި އެސިޓީގައި ވެސް ދޮރުން ދޮރަށް ކެމްޕޭނުގައި އާއިލާތަކާއި ބައްދަލުކުރުމަށް ފަހު އާދީއްތަ ދުވަހު އެނބުރި އައްޑު އަށް ވަޑައިގެން އައްޑޫގެ މަރަދޫ އާއި ހިތަދޫގެ ރައްޔިތުންނާ ބައްދަލު ކުރަން ހަމަޖެހިފައިވެއެވެ.

މީގެ ކުރިން އެމްޑީޕީގެ ޓިކެޓުގައި ރައީސް ނަޝީދު ވާދަކުރެއްވި ދެފަހަރު ވެސް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއިން އެމަނިކުފާނަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ނަޝީދު ރިޔާސީ ޓިކެޓު ދޫކުރެއްވި ނަމަވެސް އެމަނިކުފާނު ވަނީ އިބޫއަށް ތާއީދު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.