މުހައްމަދު ނަޝީދު ޑެންމާކްގައި ދެއްކެވި ވާހަކަ ފުޅާއި ގުޅިގެން "ދީނާއި ގައުމުގެ ދިފާއުގައި ހުޅުމީދޫ ރައްޔިތުން" ގެ ނަމުގައި އެމްޑީޕީ ފިޔަވައި ދެންހުރި ޕާޓީތަކުގެ މެމްބަރުން ވެހިކަލް ބުރެއް އިއްޔެ ހަވީރު ހުޅުމީދޫގައި ބޭއްވި އިރު "އެއްބުރުން" ގެ ނަމުގައި އެމްޑީޕީންވެސް ވެހިކަލް ބުރެއް ބާއްވައިފިއެވެ.
އިއްތިހާދުގެ ފަރާތުން ފެށި ވެހިކަލް ބުރު ފަށާފައިވަނީ މީދޫ ފޭލި ފިހާރައިގެ ކުރިމަތިންނެވެ. އަދި އެމްޑީޕީގެ ބުރު ފެށިފައިވަނީ މީދޫ "ޒިޔާރަތްދޮށުގޭ" ގައި ހަދާފައިވާ އެމްޑީޕީ ޖަގަހައިންނެވެ.
ހުޅުމީދޫން ވާހަކަ ދެއްކި މީހަކު ބުނީ ދެ ފަރާތުންވެސް އެމީހުންގެ ޝުއޫރުތައް ފާޅު ކުރަމުން ދިޔައިރު އިއްތިހާދުން ނިކުތް މީހުން އެމްޑީޕީއަށް ވުރެ ގިނަކަމަށެވެ.
އެމްޑީޕީގެ ސަޕޯޓަރަކު "އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ބުނީ އެއްޕާޓީ އާޢި 6 ޕާޓީ އާއި އަޅާ ބަލާނަމަ އެމްޑީޕީ މީހުން ގިނަކަމަށެވެ. އިއްތިހާދުގެ ހިނގާލުމުގައި އިސްކޮށް ހަރަކާތްތެރިވި އިބްރާހިމް ރަޝީދު ބުނީ ވިއްސާރަވެ މަގުމަތީގައި ފެންހެދިފައި އޮތުމުން ގިނަ ބަޔަކަށް އެ ހަރަކާތުގައި ބައިވެރިނުވެވުނު ކަމަށެވެ. ނަމަވެސް ކުރިއަށް ހުރި ހަރަކާތްތަކުގައި މިއަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށެވެ.