ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ލައްމާން ޓްވިޓާގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން ދިނުމަކީ އޭނާގެ ޓުވިޓަރ އެކައުންޓު ހެކް ކުރުމަށްފަހު ކުރި ކަމެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ލެޓަރ ހެޑްގައި ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ "މިކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ލައްމާނުގެ ޕާސަނަލް ޓުވިޓާ އެކައުންޓު ހެކްކޮށް، ބަޔަކު އެ އެކައުންޓު މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ދޮގު ހަބަރާއި މައުލޫމާތު ފަތުރަމުން ގެންދާތީ އެކަން ތިޔަ ފަރާތުގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މިފަދަ ދޮގު ހަބަރާއި މައުލޫމާތު ތަކަށް މީޑިއާތައް ސަމާލުވެ މީސްމީޑިއާ ގައި ނުފެތުރުމަށް އިލްތިމާސް ކުރަމެވެ."

ފެނަކަ ނޫސް ބަޔާނުގައި ބުނެފައިވަނީ މި މައްސަލަ ކަމާއި ބެހޭ ފަރާތްތަކުން ބަލަމުން ގެންދާކަމަށެވެ.
ލައްމާނުގެ އަމިއްލަ ޓުވިޓައިން ކުރި ޓުވީޓު ފަހުން ވަނީ ޑިލީޓު ކޮށްލާފައެވެ. މި ޓްވީޓާއި ގުޅިގެން އެތައް ބަޔަކު ދަނީ ލައްމާނާއި ސަރުކާރަށް ފާޑު ކިޔަމުންނެވެ.