Last Updated: April 25, 08:57
Thursday, April 25, 2024
މުނިފޫހިފިލުވުން

ޒިޔާ އެބީޔޫ ފެސްޓިވަލްގައި ލަވަ ކިޔައިފި

ޝިކަޒަކަސްތާނުގައި މި ފަހަރު ބޭއްވި އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކެއްގައި ވާދަ ކުރި ޢަބްދުﷲ ޒިޔާއު (ޒިޔާ) ލަވަ ކިޔައިފިއެވެ.

އިއްޔެ ކުރިއަށް ދިޔަ ފެސްޓިވަލްގައި ރާއްޖޭން ތަމްސީލު ކުރި މަރަދޫ ޒިޔާ ހުށަހަޅައި ދިނީ އޭނާ ފެސްޓިވަލަށް ފޮނުވި "ކުރިއަށް ދާނީ ގަދަ ހިތްވަރުުން" ލަވަ އެވެ.

މި ފަހަރުގެ ފެސްޓިވަލްގައި ރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދުގެ 9 ޤައުމެއްގެ ފަންނާނުން ބައިވެރިވެފައިވެ އެވެ.

ހުށަހަޅައިދިން އައިޓަމްތަކުގައި ކޮންމެ ޤައުމަކުން ވެސް މަސައްކަތްކޮށްފައި ވަނީ އެ ޤައުމުތަކުގެ ސަޤާފަތާއި، އާދަކާދަތައް ޕްރޮމޯޓް ކުރުމަށެވެ.

ޒިޔާ ހުށައަޅައި ދިން "ކުރިއަށްދާނީ ގަދަ ހިތްވަރުން" އަކީ އަމިއްލަ ރާގަކަށް ތައްޔާރުކޮށްފައިވާ ލޯފަން ކުދިންނަށް ޚާއްސަ ލަވައެކެވެ.

މި ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކުރުމުގެ ފުރުސަތު ޒިޔާއަށް ދިނީ ޕީއެސްއެމްގެ ފަރާތުންނެވެ.

އޭބީޔޫއަކީ ދުނިޔޭގެ 69 ޤައުމަކުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މިއީ އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޕީއެސްއެމުން ރާއްޖެ ތަމްސީލް ކުރި މިއީ ތިން ވަނަ އަހަރެވެ.