އައްޑޫ ސިޓީ ކައުންސިލް ހިންގަމުން އަންނަ އިމާރާތް ޖުލައި 10ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ހައުސިން މިނިސްޓްރީއާ ހަވާލު ކުރަން އަންގައިފި އެވެ.
ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ ޒުހައިރު) މިއަދު "އައްޑޫލައިވް" އަށް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ބޭނުމަށް ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތް ހަވާލު ކުރުމަށް މިނިސްޓްރީން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާ ހިންގާ އޮފީސް ހައުސިން އިން ނަގަނީ ކޮން ބޭނުމެއްގައި ކަމެއް އަދި ސާފެއް ނުވެއެވެ.
"އައްޑޫލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކައުންސިލަށް ސިޓީ ފޮނުވާފައި ވަނީ ސަރުކާރުގެ ލިޔެކިއުން ފޮނުވާ ސިސްޓަމް (ޖެމްސް) މެދުވެރި ނުކޮށް ސިޓީ އުރައަކަށް ލައިގެން ގޮސް ހަވާލުކޮށްގެންނެވެ. އެ ސިޓީއަކީ މި މަހުގެ 9 ވަނަ ދުވަހުގެ ތާރީހުގައި ލިޔެފައިވާ ސިޓީއެކެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވީ ކައުންސިލް އިދާރާ ނަގަން އުޅޭކަމުގެ މައުލޫމާތު އެންމެ ފުރަތަމަ ލިބުނީ "އައްޑޫލައިވް" ގައި ޖެހި ހަބަރަކުން ކަމަށާއި، އޭގެ އެއްވެސް ތަފްސީލެއް ލިބިފައި ނުވާ ކަމަށެވެ.
ސޯބެ ވިދާޅުވީ ކައުންސިލް އިދާރާ ނަގާ އިރު މިހާރު ވެސް ކައުންސިލްގައި 80 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށާއި އެ މުވައްޒަފުންނަށް ހަދާނެ އެއްޗެއް ވެސް ނޭނގޭ ކަމަށެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކައުންސިލްގެ ބާރު ނަގައި ކަންކަން ކުރަން ދެން ގިނަ ދުވަހެއް ނެތް ކަމަށާއި ސެޕްޓެމްބަރ 23 ވަނަ ދުވަހު ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބާއްވައިފި ނަމަ މިހާރުގެ ސަރުކާރުގެ ގިނަ ވެރިން ދާން ޖެހޭނީ ފޮށި ތަންމަތި ބަނދެގެން ޖަލަށް ކަމަށެވެ.
އަދި މިއީ އެއްވެސް އުސޫލަކުން ކުރާ ކަމެއްް ނޫންކަން ސޯބެ ފާހަގަ ކުރެއްވި އެވެ.
ހައުސިން އިން އައްޑޫގެ މަގުތަކާއި ޕާކްތަކާއި ބައެއް އިމާރާތްތަކާއި ބިންތައް ނަގާފައިވާ އިރު މަގު ތަކާއި ޕާކްތައް މަރާމާތުކޮށް ނުބެލެެހެއްޓެއެވެ. އެކަމުގެ ޝަކުވާ ރައްޔިތުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާ ހިންގާ އިމާރަތަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދެކުނުގެ ތަރައްގީގެ މަޝްރޫއުތައް ބަލައްޓާ އޮފީހުގެ ނަމުގައި ކުރިން ހިންގި އިމާރާތެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި އެ އިމާރާތް ދެކުނު ޕްރޮވިންސް އޮފީހުގެ ނަމުގައި ވެސް ހިންގި އެވެ.
ކައުންސިލް ހިންގާ މި އިމާރާތް ސަރުކާރަށް ނިންމި އިރު، އެ ތަނުގައި ކައުންސިލްގެ މަސައްކަތުގެ އިތުރަށް ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އޮފީސްތައް ހިންގަ އެވެ.
އޭގެ ތެރޭގައި މީރާގެ އައްޑޫ ބްރާންޗާއި އިސްލާމިކް މިނިސްޓްރީގެ އައްޑޫ ޔުނިޓް ހިމެނެ އެވެ.
ކުރިން ކައުންސިލްގެ ދަށުގައި ހުރި އައްޑޫގެ ކުރީގެ އަތޮޅު އޮފީސް އިމާރާތް ވެސް ސަރުކާރަށް ނަގައި އެތަން 2016 އިން ފެށިގެން ހިންގަމުން އަންނަނީ ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓެއްގެ ގޮތުގަ އެވެ.