Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ބްރިޖްގެ ނަމަކީ "ސިނަމާލެ ބްރިޖް"

ޗައިނާ ސަރުކާރުގެ އެހީގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖަށް "ސިނަމާލެ ބްރިޖް" ގެ ނަން ދީފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ބްރިޖްގެ ނަން ހާމަކުރައްވާފައެވެ. އެ ބްރިޖަށް މިހާތަނަށް ކިޔަމުން އައީ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެވެ.

ޓްވީޓްގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ސީއެމްއެފްބީގެ ދިވެހި ނަމަކީ "ސިނަމާލެ ބްރިޖް" މިފަދައިންނެވެ.

މާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އެންމެ ފުރަތަމަ އެޅި ފްލެޓްތަކަށް ވެސް ކިޔާފައި ވަނީ، ދިވެހިން ޗައިނާއަށް ކިޔާ ސީނުކަރަ އާއި ރާއްޖޭގެ ވެރިރަށް މާލޭގެ ނަމާ ގުޅުވައިގެން "ސިނަމާލެ" ފްލެޓް އެވެ. ހަމަ އެގޮތަށް މިފަހަރު ޗައނާގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ ބްރިޖަށް ނަން ކިޔާފައިމިވަނީ ވެސް "ސިނަމާލެ ބްރިޖް"އެވެ.

ބްރިޖްގެ މަސައްކަތް އެއްކޮށް ނިމި އޯގަސްޓް މަހު ފަހުކޮޅު ހުޅުވާނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

މި ބްރިޖް ހުޅުވިގެން ދަތުރު ކުރަން ފެށުމުން ވަރަށް ބޮޑެތި ފަސޭހަތަކެއް ދޭތެރޭގައި ދަތުރު ކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.