މާލޭގެ ބައެއް ސަރަހައްދުތަކުގެ ތެރެއިން ސިނަމާލެ، މާލެހިޔާ އަދި ވިލިމާލެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަަދަކުރުމުގެ ގޮތުން އެސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒްއެވެ.
ފަހުމުނާމާގައި ސޮއި ކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިނަމާލެއާއި މާލެހިޔާ އަދި ވިލިމާލެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައި ދިނުމުގެ ގޮތުން އެސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބެލެހެއްޓުމަށް މިސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން، އެސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ވެގެންދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިގެންދާނެ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މީގެއިތުރުން މިސަރަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ކަންކަންވެސް ކުރިއަށް ގެންދާނެ ކަމަށާއި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިރަސްމިއްޔާތުގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި، އެސަރަހައްދުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި އެސަރަހައްދުތަކުގައި ހަރުކުރެވޭ ކެމެރާތައް ފުލުހުންގެ ކޮމާންޑް ސެންޓަރުން ވަގުތުން ބަލައިލެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުވެގެން ދާނެކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މީގެއިތުރުން ސަލާމަތީ ކަންކަން އިތުރަށް ބެލެހެއްޓުމަށް ފުލުހުންގެ ސްޕެޝަލް ކޮންސްޓެބިއުލަރީ ގެ ޚިދުމަތް އެސަރަހައްދުތަކުން ލިބިގެންދާނެކަމަށާއި މިކަމަކީ ފުލުހުންނާއި އެހެނިހެން ދާއިރާތަކުން ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް އިތުރުވެގެންދާ ބޮޅެއްކަމުގައި ފާހަގަ ކުރެއްވިއެވެ.