އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ހަމަލަދޭން މަސައްކަތް ކުރީ ކޮން ބައެއްކަން އަދި ސާފު ނުވާ ކަމަށް، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.
ރޭ 08:00 ގައި "ސަންގު ޓީވީ" އިން ގެނެސްދިން ޚަބަރަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަޒްލީން ވިދާޅުވީ އިބޫ އަށް ހަމަލާދޭން އުޅުނު މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
އަދި ފުލުހުންގެ ތަހުޤީޤަށްފަހު އެއީ ކޮން ގޮތަކަށް ދިން ހަމަލާއެއް ކަަން ސާފުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ މައްސަލައިގައި ވަކި ބައެއްގެ ބޮލުގައި އަޅުވަން އެކަށީގެންވާވަރުގެ ހެކި ނުލިބޭ ކަމަށާއި އެއީ ތަހުޤީޤު ކުރަމުންދާ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޒްލީން އިތުރަށް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދިނުމަށް ރަސްމީކޮށް ފުލުހުންނަށް ދަންނަވާފައިވާ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ސެކިއުރިޓީގެ ކަންތައްތައް އެންމެހާ ރިޔާސީ ކެންޑިޑޭޓުންނަށް ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ރިޔާސީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދީ ރަށްރަށުގެ ބިމާއި ތަންތަން ދިނުމަށް އަތޮޅު ކައުންސިލްތަކާއި ރަށްރަށުގެ ކައުންސިލްތަކަށް އެންގެވުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށްވެސް އަޒްލީން ވިދާޅުވި އެވެ.
އިބޫ އަށް ބަޔަކު ހަމަލާދޭން އުޅުނު މައްސަލައާއި ގުޅިގެން އަޒްލީން ވިދާޅުވީ އެއްވެސް ބައެއް އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާއި ދެކޮޅަށް އެއްވެސް ބަޔަކު ކަންތައްކޮށްގެން ވާނެ ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށެވެ.
އަންގާރަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް އޭނާއަށް ހަމަލާދޭން ސައިކަލުގައި އައި ދެ މީހަކު ވަނީ މަސައްކަތް ކޮށްފައެވެ. އެމީހުން އިބޫ އަށް ހަމަލާދޭން މަސައްކަތް ކުރި ނަމަވެސް، އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން ވަނީ އިބޫ އޭނާއަށް ހިމާޔަތް ދީފައެވެ.
އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އިބޫ އަށް ހުޅުމާލެއިން ހަމަލާދޭން އުޅުނު ނަމަވެސް ސެކިއުރިޓީން އެކަމަށް ހުރަސް އަޅާފައިވާ ކަމަށެވެ.
"ހަމަލާދޭން އުޅުމުން ސެކިއުރިޓީންނާއި އެކުގައި ތިބި މީހުން ވަނީ އެކަމަށް ހުރަސް އަޅައި އިބޫ ކާރަކަށް އަރުވައިގެން އެ އެ ސަރަހައްދުން ގެންގޮސްފައި." އޮފިޝަލް ވިދާޅުވިއެވެ.
އިބޫ އަށް ހަމަލާދޭން މަސައްކަތް ކުރި މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް މިހާރު ސޯޝާލް މީޑިޔާގެ ދަނީ ދައުރުވަމުންނެވެ.
އިބޫއަށް ހަމަލާދީ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނުވެއެވެ.