"މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" އަށް ކުރިމަތިލުމުގެ ފުރުޞަތު ދައުލަތުގެ އިދާރާތަކަށް ހުޅުވައިލައިފި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ގެ އޮފީހުން ބުނީ އެ ވަނައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައި އެކަން ދައުލަތުގެ ހުރިހާ އިދާރާތަކަކަށް މިދިޔަ އަންގާރަ ދުވަހު އަންގާފައިވާ ކަމަށެވެ.
މި ވަނައަށް ކުރިމަތިލައްވަން ބޭނުންފުޅުވާ އިދާރާތަކުން އެކަމާ ގުޅޭ ފޯމު ފުރިހަމަ ކުރައްވައި، އެ އިދާރާއެއްގެ ރަސްމީ ތައްގަނޑު ޖެއްސެވުމަށް ފަހު 16 އޮގަސްޓު 2018 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެ ފޯމު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވައިދެއްވާން އެ އޮފީހުން ވަނީ އެދިވަޑައިގެންފަ އެވެ.
މި އެވޯޑަކީ ދައުލަތުގެ އިދާރާތަކުން ގާނޫނުގައިވާ ގޮތުގެ މަތީން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން މައުލޫމާތު ހާމަކުރުމަށް ހިތްވަރުދިނުމުގެ ގޮތުންނާއި ފަސޭހަ ކަމާއެކު މަޢުލޫމާތު ލިބޭނޭ ގޮތަށް މަޢުލޫމާތު ބެލެހެއްޓުމަށް ބާރުއަޅައި، މަޢުލޫމާތު ހާމަކުރާ މިންވަރު ބަލައިގެން ދައުލަތުގެ އިދާރާތައް ދަރަޖަކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެމުން އަންނަ އެވޯޑެކެވެ.
މި އެވޯޑް އެންމެ ފުރަތަމަ ދޭން ފެށީ 2016 ވަނަ އަހަރު އެވެ. ވޭތުވެ ދިޔަ ދެ އަހަރުވެސް އެ އެވޯޑު ހޯދާފައިވަނީ އޭސީސީންނެވެ.
"މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" ދިނުމާއި ދައުލަތުގެ އިދާރާތައް ދަރަޖަކުރެވިފައިވާ ގޮތް އިޢުލާނު ކުރައްވާނީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަސް" ފާހަގަކުރެއްވުމަށް ބާއްވާ ޚާއްޞަ ޙަފުލާގައެވެ.
"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ބައިނަލްއަޤުވާމީ ދުވަހަކީ ސެޕްޓެންބަރު މަހު 28 އެވެ.