އައްޑޫ ސިޓީ ކައުންސިލް އިދާރާ ހައުސިން މިނިސްޓްރީގެ ބޭނުމަށް ނަގަނީ އެތަނުގައި ހައުސިން އައްޑޫ ޑިޕާޓްމަންޓު ހިންގުމަށްކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުﷲ ޒިޔާދު ސޮއި ކުރައްވައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ)އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުން އައި ހުރިހާ ހިދްމަތެއް މިހާރު ދެމުން ދަނީ ހައުސިން މިނިސްޓްރީން ކަމަށްވާތީ، އައްޑޫ ސިޓީ ހިތަދޫގައި ގާއިމް ކުރެވިފައި ހުންނަ މިނިސްޓްރީގެ ޑިޕާޓްމަންޓު ގައި އެވަރުގެ ޖާގަ ނެތުމުން ހިދްމަތް ދިނުމުގައި ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ.
އެހެންވެ އިމާރާތް ނަގަނީ ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓު އެއިމާރާތަށް ބަދަލު ކުރުމަށްކަމަށެވެ. އެހެންވެ ޖުލައި 10 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ކައުންސިލްގެ ލިޔެކިއުމާއި، ކޮމްޕިއުޓަރ ލެޕްޓޮޕް ފަދަ ތަކެތި ނަންގަވައި އިމާރާތް ހުސްކޮށްދިނުމަށެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާ ހުސް ކުރުމަށް ހައުސިންއިން އެންގި އިރު އެތަނުގައި 81 މުވައްޒަފުން ވަޒީފާ އަދާ ކުރެއެވެ. އޭގެ އިތުރުންވެސް މީރާގެ ބްރާންޗާއި، އިސްލާމިކް މިނިސްޓްރީގެ ބްރާންޗެއް ކައުންސިލް އިދާރާގެ އިމާރާތުގައި ހިންގަމުން އަންނަ އިރު އެތަންތަނަށް ހަދާނެ އެއްޗެއް ބުނެފައި ނުވެއެވެ. އަދި ކައުންސިލް މުވައްޒަފުންނާއި ތަކެތި ގޮސް ވައްދާނެ ތަނެއްވެސް ބުނެފައި ނުވެއެވެ.