Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ކުދިން ސަލާމަތް ކުރި ވީޑިއޯ އާންމުކޮށްފި

ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިންގެ ފުޓުބޯޅަ ޓީމާއި އެކުދިންގެ ކޯޗު ސަލާމަތް ކުރުމަށް އެގައުމުގެ އަސްކަރިއްޔާއާއި ތަޖުރިބާކާރުން ހިންގި ކާމިޔާބު އޮޕަރޭޝަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފާއި މަރުހަބާ ކިޔަމުން އަންނަ މިދަނޑިވަޅުގައި ތައިލޭންޑު އަސްކަރިއްޔާއިން ކުދިންނާއި ކޯޗު ސަލާމަތްކުރި ވީޑިއޯ އާންމުކޮށްފިއެވެ.

އެންމެ ފުރަތަމަ ތަޖުރިބާކާރުން ކުދިން ނެރުމަށް ހުށައެޅި ގޮތަކީ ހޮހޮޅައިގައި ފެންބޮޑުވި ސަރަހައްދު ކަޑައްތު ކުރުމަށް ކުދިންނާއި ކޯޗަށް ޑައިވްކުރަން ދަސްކޮށްދިނުމެވެ. އަދި އެމެރިކާގެ އިންޖިނިއަރު އެލަން މަސްކު ވަނީ ކުދިން ސަލާމަތް ކުރުމަށް ކުޑަ ސަބްމެރިން އެއްވެސް ފަރުމާ ކޮށްފައެވެ.

ނަމަވެސް މިއަދު ތައި ނޭވީއިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ކުދިން ސަލާމަތްކޮށްފައިވަނީ ޑައިވް ކުރަން ބޭނުންކުރާ ސާމާނު ބޭނުންކޮށްގެން، ސްޓެރެޗަރަކަށް ކުދިން ލައިގެންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައެވެ.

ހޮހޮޅައިގެ އެކި ހިސާބުތަކުގައި ޑޮކްޓަރުން ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ވަގުތުން ފަރުވާ ދިނުމަށް ހަރަކާތްތެރިވިއެވެ. އަދި ބައެއް ކުދިން އަޑިއަށް ދިއުމުގެ ކުރިން ނިދި ކަމަށާއި އޮޕަރޭޝަން ފެށުމުގެ ކުރިން އެންޓީ އެންޒައިޓީ ބޭސް ދިން ކަމަށް ވެސް އޮޕަރޭޝަން ކުރިއަށް ގެންދިޔަ ފަރާތްތަކުން މައުލޫމާތު ދިނެވެ.

ތިން ދުވަހަށް ދެމިގެން ދިޔަ މިއޮޕަރޭޝަނުގައި ފުރަތަމަ ދުވަހު ހަތަރު ކުދިން ސަލާމަތްކުރުމަށް ފަހު ދެވަނަ ދުވަހުވެސް ވަނީ އިތުރު ހަތަރު ކުދިން ހޮހޮޅައިން ސަލާމަތްކޮށްފައެވެ. އަދި ތިންވަނަ ދުވަހު ފަހު ހަތަރު ކުދިންނާއި ކޯޗު ވަނީ ސަލާމަތްކޮށްފައެވެ.