ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިނިސްޓަރ އޮފް ހައުސިން އެންޑް އެންވަޔަރަމެންޓް ގެ މަޤާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ މޯބައިލް ފޯން ބިލަށް މިނިސްޓްރީގެ ބަޖެޓުން ދައްކާފައިވާ 300،000 އަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަވައިފިއެވެ.
ނިމިގެންދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ އަސްލަމް އަށް އިއްވި ޙުކުމްގައި ބުނެފައި ވަނީ މިނިސްޓަރު ކަމުގައި ހުންނަވައިގެން މިނިސްޓްރީގެ ބަޖެޓުން އަމިއްލަ ފޯނު ބިލް ދައްކާފައިވާ ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާ ސާބިތުވާ ކަމަށެވެ.
އަދި 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން އަސްލަމްގެ ފޯން ބިލަށް އެރި 312،928 ރުފިޔާ ދައްކާފައިވާ ކަން އެނގޭ ކަމަށް އެ ޙުކުމްގައި ވެއެވެ.
"ރާއްޖެއެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި އަސްލަމް ވިދާޅުވީ އޭނާގެ މައްޗަށް ކޯޓުން ކުރި ޙުކުމާ އެއްގޮތަށް ފައިސާ ދެއްކިނަމަވެސް، ކޯޓުން ކުރި ޙުކުމް އެއްވެސް ޙާލެއްގައި ބަލައިނުގަންނަ ކަމަށެވެ. އަދި އެ ފައިސާ ދައްކާފައި ވަނީ ޙުކުމަށް ތަބާވުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ކަން ހިނގައިދިޔަ ގޮތަކީ އަޅުގަނޑާއި ވަޒީރުކަން ހަވާލު ކުރުމާ އެކީ އަޅުގަނޑު ވުޒާރާއަށް ދިޔުމުން އެ ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ އޭނަ އަޅުގަނޑު ކައިރީ ވިދާޅުވި ވަޒީރުންގެ ފޯނު ބިލް ދައްކާނީ އޮފީހުންނޭ، އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ފޯނު ނަންބަރެއް ބަދަލެއް ނުކުރާނަމޭ، ދެން ޕާމަނަންޓް ސެކްޓްރީ ވިދާޅުވި ބިލްގް އެޑްރެސް ބަދަލުކުރުމަށް، އެޑްރެސް ބަދަލު ކުރުމަށްފަހު ބިލް އަންނަމުންދިޔައީ މިނިސްޓްރީގެ އޮފީހަށް. އެ އޮންނަ އުސޫލުގެ ތެރެއިން ހަމަ ކަންތައްތައްވަމުން ދިޔައީ" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ބޭނުންވެވަޑައިގެންނެވި ނަމަވެސް އެކަމުގައި ހުރަސްތަކެއް އެބަހުރި ކަމަށެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ މައްސަލަ އިސްތިއުނާފަށް ހުށަހަޅާއިރު މައްސަލައިގެ ޚުލާސާ ބަޔާނެއް ބޭނުންވާ ކަމަށާއި އެހެންނަމަވެސް އޭނާގެ ވަކީލު ކުރެއްވި މަސައްކަތުން އެ ޚުލާސާ ބަޔާން އެ އޮންނަ މުއްދަތުގެ ތެރޭގައި ލިބިފައިނުވާ ކަމަށެވެ.
ދައުލަތުން މިހާރު ވެސް އެކި ވުޒާރާތަކުގެ ވަޒީރުންގެ ފޯން ބިލް ދައްކާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެބޭފުޅުންގެ މައްޗަށް ދައުލަތުން ދައުވާ ނުކުރާ ކަމަށެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ވެސް ވަނީ އެ ފައިސާ ދެއްކުމަށް އަސްލަމަށް އަންގާފައެވެ.
އަސްލަމް ވިދާޅުވީ މި ޙުކުމަކީ އިންސާފުން ކުރެވުނު ޙުކުމެއް ނޫން ކަމަށެވެ.