Last Updated: April 19, 22:45
Friday, April 19, 2024
ކުޅިވަރު

ބޮޑު އަގުގައި ރޮނާލްޑޯ ގެންދިއުމުން ހަޅުތާލުކުރަނީ

ޓިއުރިން، އިޓަލީ: އިޓަލީގެ ޔުވެންޓަސް އަށް 113 މިލިއަން ޔޫރޯގެ ފީ އަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިއުމުން ފިއަޓް ފެކްޓްރީގެ މަސައްކަތްތެރިން އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް ހަޅުތާލުކުރުމަށް ނިންމައިފިއެވެ.

ފިއަޓް އޮޓޯމޮބައިލްސް އަކީ އިޓަލީގައި ހުންނަ އެންމެ ބޮޑު ކާރު ހަދާ ފެކްޓްރީގެ އިތުރުން ޔޫރަޕްގައިވެސް ފާހަގަކޮށްލެވޭ ތަނެކެވެ. މި ފެކްޓްރީ ހިންގަނީ ފުޓްބޯޅަ ކްލަބް ޔުވެންޓަސްގެ މިލްކުވެރިން ކަމުގައިވާ އަގްނެއްލީ އާއިލާއިންނެވެ.

ރޮނާލްޑޯ ގަންނަން ޔުވެންޓަސް އިން ބޮޑު ޚަރަދެއް ކުރި ކަމަށް ބުނެ ހަޅުތާލު ކުރަމުން ގެންދާ މީހުން ހިމެނޭ އިޓަލީގައި މަސައްކަތްތެރިންގެ ޔޫނިއަން، ޔޫއެސްބީ އިން ބުނާގޮތުގައި މިހާ ބޮޑު އަގެއް އެންމެ ކުޅުންތެރިއަކަށް އިންވެސްޓްކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ.

ޔޫއެސްބީ އާއި ހަވާލާދީ ދުނިޔޭގެ ބޮޑެތި ކުޅިވަރު މީޑިޔާތަކުގައި ބުނެފައިވަނީ އެންމެ ކުޅުންތެރިޔަކަށް ބޮޑު ޚަރަދެއް ކުރުމުގެ ސަބަބުން އިތުރަށް އިންވެސްޓްކުރުމުގެ ފުރުޞަތުތައް ގެއްލިގެންދާނެކަމަށެވެ.

"ފިއަޓް ކްރައިސްލަރ ގެ މަސައްކަތްތެރިން އިގްތިޞާދީގޮތުން ބޮޑު ޤުރާބާނީއެއް ވެގެން ބުރަކޮށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެންމެ ކުޅުންތެރިއެއް ގެނައުމަށް އެތައް މިލިއަން ޔޫރޯއެއް ހޭދަކުރުމަކީ ޤަބޫލުކުރެވޭނެކަމެއް ނޫން" ޔޫއެސްބީގެ ބަޔާނުގައި ބުނެފައިވެއެވެ.

ސްޕެއިނުގެ ރެއާލް މެޑްރިޑުން އުމުރުން 33 އަހަރުގެ ރޮނާލްޑޯ ހަތަރު އަހަރުގެ އެއްބަސްވުމަކަށް ޔުވެންޓަސް އަށް ސޮއިކުރީ 105 މިލިއަން ޔޫރޯއަށެވެ.

މިދިޔަ އަންގާރަދުވަހު ބަދަލުވިއިރު އޭނާ ގެނައުމަށްޓަކައި އެކުލަބުން ހޭދަކޮށްފައިމިވަނީ މާބޮޑު އަދަދެއްކަމަށް މަސައްކަތްތެރިން ބުނި ނަމަވެސް ފުޓްބޯޅަައިގެ އިގްތިޞާދީ މާހިރެއްކަމަށްވާ ރޮބް ވިލްސަން ވަނީ އެކަމާއި ދެކޮޅ ހަދާފައެވެ.

ރޮބް ވިލްސަން ބުނިގޮތުގައި ރޮނާލްޑޯ ގެނައުމުގެ ސަބަބުން ޔުވެންޓަސް އަށް އިތުރު ފައިދާވާނެއެވެ. އަދި ރޮނާލްޑޯ ގެނައުމަށް ހޭދަކުރީ ބޮޑު ޓްރާންސްފާ ފީ ގެ އިތުރުން މުސާރައާއި ގުޅުންހުރި ހުރިހާ ކަމެއް ބެލެހެއްޓުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަމަށެވެ.

"ޔުވެންޓަސް އިން އެއްވެސް އުނދަގުލެއްނެތި މާކެޓް ކޮންޓްރޯލް ކޮށް އޭނާ އަށް ހޭދަކުރި ވަރަށްވުރެ ނިސްބަތުން ވަރަށް ބޮޑު ފައިދާއެއް ލިބޭނެ." ރޮބް ވިލްސަން ބުންޏެވެ.

ވިލްސަން އިތުރަށް ބުނި ގޮތުގައި ރޮނާލްޑޯ އާއި އެކު ޔުވެންޓަސް ވަރަށް ބޮޑަށް ވަރުގަދަވެ، ޑޮމެސްޓިކް މުބާރާތްތަކުގައާއި ޗެމްޕިއަންސް ލީގުގައި މިހާރަށް ވުރެ ގިނަގުނަ ކާމިޔާބީތައް ހޯދަމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"ރޮނާލްޑޯ ގެނައުމުން ގިނަގުނަ ކާމިޔާބީތައް ހޯދަމަށް ފަސޭހަވެގެންދާނެ އޭގެ މާނައަކީ މިހާރަށްވުރެ ގިނަ ސްޕޮންސާތައް ލިބި އިނާމު ފައިސާއާއި ޓީވީއިން ލިބޭ ފައިސާވެސް ބޮޑުތަން އިތުރުވެގެންދާނެ." އޭނާ ބުންޏެވެ.

ރޮނާލްޑޯ ގެ ޔުވެންޓަސް ގެ ޖާޒީއެއް މީހަކު ދައްކާލަނީ –ފޮޓޯ: ރޮއިޓާސް

ޔުވެންޓަސް އާއި ފިއަޓް ކްރައިސްލަރ އަކީ މުޅިން ތަފާތު ދެ ވިޔަފާރިއެއް ކަމަށްވިޔަސް ހިންގަނީ އަގްނެއްލީ އާއިލާއިން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ އެކްސޯ އިން ނެވެ.

އިޓަލީގެ ދެކުނުގައިވާ މެލްފީގައި ހުންނަ ޕްލާންޓް ގައި މަަސައްކަތްކުރާ މީހުންނަށް ހަޅުތާލުކުރުމަށް ޔޫއެސްބީ އިން ގޮވާލާފައިވާއިރު އެތަނުގައި ތައްޔާރުކުރާ ކާރު ތަކުގެ ތެރޭގައި ފިއަޓް ޕުންޓޯ އާއި 500 އެކްސް ހިމެނެއެވެ.

އެޕްލާންޓްގެ މަސައްކަތްތެރިން ހަޅުތާލުކުރުމަށް ނިންމާފައިވަނީ މިއަންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 10:00 އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 ގެ ނިޔަލަށެވެ.

އެހެންނަމަވެސް، މި ހަޅުތާލުގެ ސަބަބުން ކާރު ކުންފުންޏަށާއި ފެކްޓްރީއަށް އެހައި ބޮޑު އަސަރެއްކުރާނެ ކަމަކަށް ނުބެލެވެއެވެ. އެއީ މި ފެކްޓްރީގެ އިތުރުން ފިއަޓް ކްރައިސްލަރ ގެ އިތުރު ހަތް ޕްލާންޓް އިޓަލީގެ އެކި ސަރަހައްދުތަކުގައި ހުންނާތީވެއާއި ޔޫއެސްބީ އިން ތަމްޞީލުކޮށްދެނީ އެސަރަހައްދުގެ ވަރަށް މަދު މަސައްކަތްތެރީން ކަމަށްވާތީއެވެ.