ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރުގެ ސުވާލަކީ އެމަނިކުފާންގެ ރަނިން މޭޓު ޖަވާބު ދެއްވަން ޖެހޭ ސުވާލެއް ނޫންކަމަށް ރައީސް ޔާމީންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމްގައި ޕްރެޒެންޓަރ މިއުވާން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ އެސުވާލު ކުރަން ޖެހެނީ އޭސީސީ ހަސަން ލުޠުފީ އާއި ކަމަށެވެ. ޝަހީމް ވިދާޅުވީ އެއީ އެމަނިކުފާނާއި ކުރިމަތި ކުރަން ޖެހޭ ސުވާލެއް ނޫންކަމަށެވެ.
"ބައްލަވާ އަޅުގަނޑާއި ކުރަން ޖެހޭ ސުވާލު، އަޅުގަނޑުގެ މެންޑޭޓު ތެރޭން ނޫންތޯ އަޅުގަނޑަށް ޖަވާބު ދެއްވޭނީ، މަނިކުފާން ތި ސުވާލު ކުރައްވަނީ އަޅުގަނޑު ކިޔެވި މާއްދާއަކުން ނޫން، އަޅުގަނޑަކީ ފިގުހު އިލްމު ކިޔަވާދީފައި ހުރި މީހެއްވެއްޖިޔާ ތިޔަބޭފުޅާ ބައިލޮޖީ އާއި ގުޅޭ ގޮތުން އަޅުގަނޑަށް ސުވާލު ކުރުމުން އަޅުގަނޑަކަށް ޖަވާބެއް ނުދެވޭނެ،
"
ޝަހީމް ވިދާޅުވީ ރައީސުލް ޖުމްހުރިއްޔަގެ ރަނިން މޭޓުގެ ހައިސިއްޔަތުން ސުވާލު ކުރަން ޖެހޭނީ މާޒީގައި ހިނގާފައިވާ ކޮރަޕްޝަން ތަކާއި ގުޅޭ ގޮތުން ނޫން ކަމަށެވެ. އަދި އެ ސުވާލު ކުރަންޖެހެނީ އެކަމާއި ގުޅޭ ދާއިރާތަކުގެ މީހުންނާއި އެވެ.
އޭގެ ބަދަލުގައި އެމަނިކުފާނާއި ކުރަންޖެހޭ ސުވާލަކީ ރައީސް ޔާމީންގެ ރަނިންމޭޓު ގަބޫލު ކުރީ ކީއްވެގެންތޯ އާއި، އެެއީ ކީއްކުރަންތޯ އާއި، ކޮން ކަމަކާއި ތޯއާއި، އަދި އެމަކިފާނުގެ ވިސްނުމަކީ ކޮބައިތޯ ކަމަށެވެ.
ޝަހީމް އާއި ރައީސް ޔާމީންގެ ވެރިކަމުގެ ދައުުރުގައި ވައްކަމާއި ކަރަޕްޝަން ހިނގާފައިވޭތޯ ޕްރެޒެންޓަރ ސުވާލު ކުރެއްވުމުން ވިދާޅުވީ އެފަދަ ކަމެއް ނުހިގާ ގައުމެއް ސަރުކާރެއް ދުނިޔޭގައި އޮތް ތޯއެވެ.
ޝަހީމް މިރޭ ވިދާޅުވީ ރާއްޖެޓީވީގެ ދައުވަތު ގަބޫލްކޮށް އެޕްރޮގްރާމުގައި ބައިވެރިވީ ހުރިހާ ފަރާތްތަކާއި ގުޅުން އޮތްކަން ހާމަ ކުރުމަށް ކަމަށެވެ.