Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

"ރައްޔިތުންގެ ކަންކަމުގައި ބައިވެރި ނުވުމަކީ ކުށެއް"

ސަރުކާރުގެ ވަޒީފާއެއްގައި ތިބެ، ރައްޔިތުންނަށް ކޮށްދޭ ކަންކަމުގައި، ސިޔާސީ ތަފާތުތަކާ ހެދި ބައިވެރި ނުވެ، އެ ކަންކަން ލަސްކުރަން މަސައްކަތް ކުރުމަކީ ކުށެއް ކަމުގައި ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަަނިކު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ހދ. ވައިކަރަދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމަށް އިއްޔެ ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އެގޮތަށް ޢަމަލު ކުރުމަކީ އެމަނިކުފާނަށް ދެވޭ ގެއްލުމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމުގައި ވިދާޅުވި އެވެ.
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ސިޔާސީ ޕާޓީތައް އުފެދުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މި ކުޑަކުޑަ ޤައުމު މިވަނީ ވަރަށް ބޮޑަށް ބައިބައިވެފައި ކަމުގައި ވިދާޅުވި އެވެ. އަދި މިކަމުގެ ސަބަބުން، އެއް ޕާޓީއެއްގެ މީހުން، އަނެއް ޕާޓީގެ މީހުން ކުރާ މަސައްކަތަކަށް، އެއީ ހުރިހާ ރައްޔިތުންނަށް ފައިދާ ކުރާ ކަހަލަ ޤައުމީ މަސައްކަތަކަށް ވިޔަސް، ތާއީދު ކުރަން ބޭނުން ނުވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ވަކި ޕާޓީއެއްގެ ކައުންސިލެއް އޮތީމާ، ނޫނީ ވަކި ޕާޓީއެއްގެ ކައުންސިލަކަށް ނުވާތީ، ބައެއް ރަށްރަށުގެ މަޝްރޫޢުތައް މީގެ ކުރިން ދޫކޮށްލެވިފައި ހުރިކަން ފާހަގަކުރައްވައި، އެއީ އުޞޫލެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި މިއަދުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވަކި ޕާޓީއަކަށް، ވަކި ކުލައަކަށް ނުބައްލަވައި، ކޮންމެ ޕާޓީއެއްގެ ކައުންސިލެއް އޮތަސް، އެރަށެއްގެ ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން، ވީހާ ވެސް ހަމަހަމަ ގޮތެއްގައި، އިންޞާފާ އެކީގައި، ކޮށް ދިނުމަށް ކަމުގައި ވިދާޅުވި އެވެ.
އަދި ރާއްޖޭގެ ރައްޔިތުންގެ ނަމުގައި، ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބަވާ ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ބޭފުޅުން، ރައްޔިތުންނާ ދޭތެރޭގައި ކަންތައްތައް ކުރައްވަން ވާނީ ހަމަހަމަކޮށް، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާ އެކީގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު މިއުޅެނީ އެ ނަމޫނާ ދެއްކޭތޯ. އެހެން ނަމަވެސް، ނަމޫނާ ބަލަން ބޭނުންވާ ބަޔަކަށްތާ އެ ފެންނާނީ. ބައެއް ބޭފުޅުން އަޅުއްވައިގެން އުޅުއްވާ އައިނުގެ ކުލަ ތަފާތުވީމާ، އެއްގޮތަކަށްވެސް އަޅުގަނޑު މިދަންނަވާ މަންޒަރެއް އަދިވެސް ހަމަ ނުފެނޭ. އަދިވެސް ހަމަ ހީފުޅުވާކަހަލަ، ހަމަ މިހާރުގެ ރައީސްވެސް މަސައްކަތް ކުރަނީ މި ހަމަ ވަކި ޕާޓީއަކަށޭ،" ރައީސް ވިދާޅުވި އެވެ.
"ނޫނީ ތިމަންނަމެންނާ ދެކޮޅަށޭ. އެއީއެއް ނޫން ޙަޤީޤަތަކީ. އަޅުގަނޑު އަބަދުވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނީ، ހުރިހާ ބޭފުޅުންނާ އެކީގައި، ހުރިހާ ބޭފުޅުންނާއެކީ މަސައްކަތް ކުރެވޭތޯ."

ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ކުލައެއްގެ ކައުންސިލެއް އޮތަސް ރައްޔިތުންނަށް ލިބި ދޭން ޖެހޭ ހުރިހާ ޚިދްމަތްތަކެއް، ބަރާބަރަށް ލިބިވަޑައިގަންނަވަމުން ދާނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ އެކިއެކި ތަރައްޤީގެ މަޝްރޫޢުތައް ވެސް އިރާދަކުރެއްވިއްޔާ، ބަރާބަރަށް ހިނގަމުންދާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.