Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ކުދިން ތާށިވި ހޮހަޅަ މިއުޒިއަމަކަށް ބަދަލު ކުރަނީ

ތައިލެންޑްގެ ކުޑަކުދިންގެ ފުޓްބޯޅަ ޓީމުގެ 12 ކުޅުންތެރިންނާއި، އެކުދިންގެ ކޯޗް ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ތާށިވެފައި ތިބި ހޮހަޅައާއި، އެ ހޮހަޅަ ހުންނަ ސަރަހައްދު މިއުޒިއަމަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ރެސްކިއު އޮފިޝަލުން ބުނީ އެ މިއުޒިއަމް އިން ފެނިގެންދާނީ އެ ހޮހަޅައިގައި ތާށިވި ކުދިން ސަލާމަތްކުރުމަށް ހިންގުނު އުނދަގޫ އަދި ވަރުގަދަ އޮޕަރޭޝަން ކުރިއަށްދިޔަ ގޮތް ކަމަށާއި އެތަނަށް ވަރަށް ބޮޑު ބައެއްގެ ތަރުހީބު ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން އެ އޮޕަރޭޝަން ކުރިއަށްދިޔަ ގޮތުގެ ވާހަކަ ދައްކުވައިދޭ ފިލްމެއްވެސް އެތަނުގައި ޝޫޓް ކުރުމަށް ދެ ކުންފުންޏަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ހޮހޮޅައިން ސަލާމަތްކުރި ކުދިންނާއި ކޯޗަށް މިހާރު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

އެމީހުން ސަލާމަތް ކުރުމަށް ތައިލޭންޑްގެ އަސްކަރިއްޔާއާއި ތަޖުރިބާކާރުން ހިންގި ކާމިޔާބު އޮޕަރޭޝަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ތައުރީފާއި މަރުހަބާ ކިޔަމުން އަންނަ މިދަނޑިވަޅުގައި ތައިލޭންޑު އަސްކަރިއްޔާއިން ކުދިންނާއި ކޯޗު ސަލާމަތްކުރި ވީޑިއޯ އާންމުކޮށްފިއެވެ.

އެންމެ ފުރަތަމަ ތަޖުރިބާކާރުން ކުދިން ނެރުމަށް ހުށައެޅި ގޮތަކީ ހޮހޮޅައިގައި ފެންބޮޑުވި ސަރަހައްދު ކަޑައްތު ކުރުމަށް ކުދިންނާއި ކޯޗަށް ޑައިވްކުރަން ދަސްކޮށްދިނުމެވެ. އަދި އެމެރިކާގެ އިންޖިނިއަރު އެލަން މަސްކު ވަނީ ކުދިން ސަލާމަތް ކުރުމަށް ކުޑަ ސަބްމެރިން އެއްވެސް ފަރުމާ ކޮށްފައެވެ.

ނަމަވެސް މިއަދު ތައި ނޭވީއިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި ކުދިން ސަލާމަތްކޮށްފައިވަނީ ޑައިވް ކުރަން ބޭނުންކުރާ ސާމާނު ބޭނުންކޮށްގެން، ސްޓެރެޗަރަކަށް ކުދިން ލައިގެންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކުގައެވެ.

ހޮހޮޅައިގެ އެކި ހިސާބުތަކުގައި ޑޮކްޓަރުން ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ވަގުތުން ފަރުވާ ދިނުމަށް ހަރަކާތްތެރިވިއެވެ. އަދި ބައެއް ކުދިން އަޑިއަށް ދިއުމުގެ ކުރިން ނިދި ކަމަށާއި އޮޕަރޭޝަން ފެށުމުގެ ކުރިން އެންޓީ އެންޒައިޓީ ބޭސް ދިން ކަމަށް ވެސް އޮޕަރޭޝަން ކުރިއަށް ގެންދިޔަ ފަރާތްތަކުން މައުލޫމާތު ދިނެވެ.

އެމީހުން މިހާރުދަނީ، އެ މަސައްކަތަށްޓަކައި ހޮހަޅަ ކައިރީގައި ގާއިމްކުރި ސާމާނާއި ވަސީލަތްތައް ނަގަމުންނެވެ. އެގޮތުން، ހޮހަޅައިގެ ދޮރުމައްޗަށް ޖަމާކުރި ފެން ޕަމްޕުތަކާއި، މެޝިންތަކާއި، އިމާރާތްކުރަން ބޭނުންކުރާ ސާމާނުތައްވެސް ނަގަން ފަށާފައި ވެއެވެ.