Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

މި ފަހަރުގެ އެމީ އެވޯޑްސްގެ އެންމެ ގިނަ ނޯމިނޭޝަން "ގޭމް އޮފް ތްރޯންސް" އަށް

2016 ވަނަ އަހަރުގެ އެމީ އެވޯޑް ޙަފްލާގައި "ގޭމް އޮފް ތްރޯންސް"ގެ ބައެއް ކާސްޓް މެމްބަރުން - ފޮޓޯ: ގޫގުލް

ފާއިތުވި 17 އަހަރު ދުވަހު އެމީ އެވޯޑްސްގެ އެންމެ ގިނަ ނޯމިނޭޝަން ހޯދަމުން އައި އެޗްބީއޯ ޗެނަލްގެ ރެކޯޑް މި އަހަރު ނެޓްފްލިކްސް އިން މުގުރާލާފައިވީނަމަވެސް، މި ފަހަރުގެ އެމީ އެވޯޑްސް އަށް އެންމެ ގިނައިން ނޯމިނޭޓްވެފައި ވަނީ އެޗްބީއޯ އިން ގެނެސްދޭ މަޝްހޫރު ސީރީސް ކަމަށްވާ "ގޭމް އޮފް ތްރޯންސް" (ޖީއޯޓީ) އެވެ.

އެގޮތުން މިދިޔަ އަހަރު ރިލީޒްކުރި "ގޭމް އޮފް ތްރޯންސް"ގެ ހަތްވަނަ ސީޒަން އަށް ޖުމްލަ 22 ނޯމިނޭޝަން ލިބިފައިވެއެވެ. އެއާއެކު މިހާތަނަށް އެ ޝޯ އަށް ލިބުނު އެމީ ނޯމިނޭޝަންތަކުގެ އަދަދު ވަނީ 128 އަށް އަރާފައެވެ.

"ގޭމް އޮފް ތްރޯންސް" އަކީ އެންމެ ގިނަ އެމީ އެވޯޑް ލިބުނު ޕްރައިމްޓައިމް ސްކްރިޕްޓެޑް ސީރީސް އެވެ. 2015 ވަނަ އަހަރު އެކަނިވެސް އެ ސީރީސް އަށް ވަނީ ޖުމްލަ 12 އެމީ އެވޯޑް ލިބިފައެވެ.

އެހެންނަމަވެސް، "ގޭމް އޮފް ތްރޯންސް" އަކީ އެމީގެ ތާރީޚުގައި އެންމެ ގިނަ އެވޯޑްތަކަށް ނޯމިނޭޓްވި ސީރީސްއެއް ނޫނެވެ. އެ ފަޚުރު ހޯދާފައި ވަނީ 43 އަހަރު ވެފައިވާ "ސަޓަޑޭ ނައިޓް ލައިވް" ސީރީސް އެވެ. އެގޮތުން މިހާތަނަށް އެ ޝޯ އަށް ޖުމްލަ 200 ނޯމިނޭޝަން ލިބިފައިވާއިރު، އޭގެ ތެރެއިން 64 އެވޯޑް ވަނީ ކާމިޔާބުކޮށްފަ އެވެ.

2015 އަދި 2016 ވަނަ އަހަރުވެސް "ގޭމް އޮފް ތްރޯންސް" އަށް 'އައުޓްސްޓޭންޑިން ޑްރާމާ ސީރީސް'ގެ އެވޯޑް ލިބިފައިވާއިރު، މި އަހަރު އެ އެވޯޑަށް ޖީއޯޓީ އާއިއެކު ވާދަކުރާނެ އެންމެ ގަދަ ސީރީސް އަކަށް ވެގެންދާނީ މިދިޔަ އަހަރު އެ އެވޯޑް ހާސިލްކޮށް މި އަހަރު 20 ނޯމިނޭޝަން ލިބިފައިވާ "ދަ ހޭންޑްމެއިޑެންސް ޓޭލް" އެވެ.

އެމީ އެވޯޑްސް އަށް "ގޭމް އޮފް ތްރޯންސް" އެންމެ ގިނައިން ނޯމިނޭޓްވެފައި ވަނީ 2015 ވަނަ އަހަރު އެވެ. އެ އަހަރު އެ ސީރީސް އަށް ޖުމްލަ 24 ނޯމިނޭޝަން ލިބުނެވެ.

70 ވަނަ ޕްރައިމްޓައިމް އެމީ އެވޯޑްސް ހަފްލާ އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ލޮސް އެންޖެލިސްގެ މައިކްރޮސޮފްޓް ތިއޭޓަރުގަ އެވެ. އެ ޙަފްލާ އެންބީސީ އިން ލައިވްކޮށް ގެނެސްދޭނެ އެވެ.