Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ރަލާއި އޫރުމަސް އެތެރެ ކުރުމަކާއި ނުބެހޭނަން: ޝަހީމް

* ރަލާއި އޫރުމަސް އެތެރެ ކުރުމަކީ އިގްތިސާދީ ކަމެއް
* ރަލާއި އޫރުމަސް ރާއްޖެ އެތެރެކުރަނީ އެތަކެތި ދުނިޔޭގައި ހުރުމުން

ރާއްޖެއަށް ރަލާއި އޫރުމަސް އެތެރެ ކުރުމަކީ އިގްތިސާދީ ކަމެއް ކަމަށާއި އެކަމާއި ނުބެހޭނެކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަސުރުހީ"ގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އެކަންކަމަކީ ރާއްޖޭގެ އިގްތިސާދީ ކަންކަމުގެ ތެރޭގައި ހިނގާ ކަންކަމަކާއި ނުބެހޭނެކަމަށެވެ.

ޝަހީމް ވިދާޅުވީ ރަލާއި އޫރުމަސް ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ހުންނަ ކަމަށާއި އެތަކެތި ކެއުން މާތްﷲ ހަރާމް ކުރައްވާފައިވާ ކަމަށެވެ.

"ރާއްޖޭގެ އިގްތިސާދު އެކަންކަމަށް ބިނާވެފައިވާ ކަންކަމުގެ ތެރެއަށް އަޅުގަނޑު ނުވަންނާނަން، އެއީ އަޅުގަނޑު ވަންނަން ޖެހޭ ކަމެއް ނޫން،"

ޝަހީމް ރާއްޖޭގެ އިގްތިސާދީ ކަންކަމާއި ނުބެހޭނެކަމަށް ވިދާޅުވި ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ބަނގުރާ ވިއްކުން ހުއްދަ ކުރަން އުޅުމުން އެކަމާއި ދެކޮޅުކަން ރޭގެ ޕްރޮގްރާމްގައި ވިދާޅުވިއެވެ.

ސަރުކާރުގެ ތެރޭގެ ބައެއް ކަންކަމާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޝަހީމް ޖަވާބު ދެއްވުމުގެ ބަދަލުގައި އެހެން ފަރާތްތަކާއި ސުވާލު ކުރުމަށް ވިދާޅުވިއެވެ.

ރަލާއި އޫރު މަހުގެ މައްސަލައާއި ބައެއް ދީނީ ކަންކަމާއި ގުޅިގެން ރޭ ޝަހީމް އާއި ކުރެއްވި ސުވާލުތަކަށ ދެއްވި ޖަވާބު ތަކާއި ގުޅިގެން ބޮޑެތި ފާޑު ކިއުންތައް ޝަހީމްއަށް ދަނީ އަމާޒު ވަމުންނެވެ.