Last Updated: June 17, 08:20
Tuesday, June 17, 2025
ޚަބަރު

ރަލާއި އޫރުމަސް ރާއްޖެ އެތެރެ ކުރުމަކީ ހަރާމްކަމެއް: ޝެއިހް ޒައިދު

ޝެއިޚް އަލީ ޒައިދު

ރާއްޖެއަށް ރަލާއި އޫރުމަސް އެތެރެކުރުމަކީ ކަނޑައެޅިގެން ހަރާމްކަމެއް ކަމަށް ދީނީ އިލްމުވެރިޔާ އައްޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިހް ޒައިދު މިފަދައިން ވިދާޅުވެފައިވަނީ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ރައީސް ޔާމީންގެ ރަނިން މޭޓު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ރަލާއި އޫރުމަސް ރާއްޖެ އެތެރެ ކުރުމަކީ އިގްތިސާދީ ކަމެއް ކަމަށާއި އެކަމާއި ނުބެހޭނެ ކަމަށް ވިދާޅުވުމާއި ގުޅިގެން ކުރެވެމުންދާ ސުވާލުތަކުގެ ޖަވާބުގައެވެ.

ޒައިދު ޓުވިޓަރ ގައި ވިދާޅުވީ ރަލާއި އޫރުމަސް ރާއްޖެއަށް އެތެރެ ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، ބިސްމި ލިޔެގެން ރާ އެތެރެކުރާ ސެޓްފިކެޓް ހަދާފައިވުމަކީ ލަދުވެތިކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓުގެ ގޮތުގައި ޝަހީމް ނެންގެވުމުން ޝަހީމްއަށް ތާއިދު ކުރެއްވި ޒައިދު އިތުރަށް ވިދާޅުވީ އަދުލްވެރިކަން އެތަނެއްގައި ނެތް ނަމަ އެތަނެއްގައި އޮންނަނީ ހުސް ހަމަނުޖެހުން ކަމަށެވެ. އެމާހައުލެއްގައި އޮންނާނީ ބިރުވެރިކަމާއި، ފަސާދަކަމަށް ޝައިހް ވިދާޅުވިއެވެ.

ރަލާއި އޫރުމަހާއި ގުޅޭ ގޮތުން ޝައިހް ޝަހީމް ރޭ ވިދާޅުވީ ރާއްޖެއަށް އެތަކެތި އެތެރެކުރަނީ އެތަކެތި ދުނިޔޭގައި ހުރުމުން ކަމަށެވެ.

ރާއްޖެޓީވީގައި ރޭ ޝަހީމް ދެއްކެވި ގިނަ ވާހަކަތަކަށް އެތައް ބަޔަކު ދަނީ ނުރުހުން ފާޅުކޮށް ފާޑު ކިޔަމުންނެވެ.