Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޖޭޕީގެ ރަނިން މޭޓު ކަނޑައެޅުން މިރޭ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންމޭޓު ކަނޑައެޅުމަށް ޖުމްހުރީ ޕާޓީއަށް ދީފައިވާ ފުރުސަތުގައި އެޕާޓީގެ ރަނިންމޭޓު ކަނޑައެޅުމަށް ބާއްވާ ކައުންސިލް ބައްދަލުވުން މިރޭ ބާއްވަން ނިންމައިފިއެވެ.

ޖުމްހުރީ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ ޖޭޕީގެ ރަނިންމޭޓުގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4 ޖަހާއިރު ބަންދުވާނެކަމަށާއި ރަނިންމޭޓަކު ހޮވުމަށް ބާއްވާ ސިއްރު ވޯޓު މިރޭ ބާއްވާނެކަމަށެވެ.

އިބޫގެ ރަނިންމޭޓުކަމަށް ޖޭޕީގެ ތެރެއިން މިހާތަނަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.

އަލީ ސޯލިހު ވިދާޅުވީ މިރޭގެ ކައުންސިލް ބައްދަލުވުގައި 41 މެމްބަރަކަށް ވޯޓުލިބުމުގެ ހައްގު ލިބިގެންވާކަމަށެވެ. އެއީ ޕާޓީގެ ކޮންގްރެސް އިން އިންތިހާބު ކޮށްފައިވާ ކައުންސިލް 15 މެމްބަރުންނާއި އަންހެނުންގެ ލީގުގެ ރައީސާ އާއި ޒުވާނުންގެ ލީގުގެ ރައީސްގެ އިތުރުން ޕާޓީގެ އިދާރީ ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ކަމަށެވެ.

ޖޭޕީގެ އެތެރޭގައި ރަނިންމޭޓުގެ ބަހުސް ބޮޑުވެފައިވާ އިރު ގިނަ ބަޔަކު ދަނީ އިބޫގެ ރަނިންމޭޓުގެ ގޮތުގައި ޖޭޕީން ދައްކާ ކެންޑިޑޭޓަކަށް އިންތިޒާރު ކުރަމުންނެވެ.