ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ސީ އެމްބިޔުލާންސްއެއް އެމްއެންޑީއެފްއަށް އިއްޔެ ހަދިޔާ ކޮށްފިއެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން ސީއެމްބިޔުލާންސް އެމްއެންޑީއެފްއާ ހަވާލުކުރެއްވުމަށް އިއްޔެ ކޯސްޓްގާޑު ބިލްޑިންގ ކޮންފަރެންސް ހޯލުގައި އޮތް ރަސްމިއްޔާތުގައި، މިކަމާގުޅޭ ޑޮކިޔުމެންޓްތަކުގައި ދެ ފަރާތުން ވަނީ ސޮއިކުރައްވާފައެވެ.
ޗައިނާ ސަރުކާރުގެ ފަރާތުން މި ޑޮކިޔުމެންޓްތަކުގައި ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޗައިނާ ވަފުދުގެ އިސްކޮށް ހުންނެވި ލެފްޓިނެންޓް ކާނަލް ޗެން ޒިއާއޯއެވެ. އަދި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރެވެ.
މި ރަސްމިއްޔާތުގައި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު، ޒަންގް ލީޒޮންގް އާއި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުޙައިރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ދެ ބޭފުޅުންގެ ވާހަކަފުޅުގައި ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ބަދަހި އެކުވެރި ގުޅުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި، ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއަށް ލިބުނު ސީ އެމްބިޔުލަންސް ވެގެންދާނީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.
26 މީޓަރުގެ ދިގުމިން ހުންނަ މި ސީ އެމްބިޔުލާންސް އަކީ މެޑިކަލް މިނީ ތިއޭޓަރއެއްގެ ގޮތުގައި ބޭނުންކުރެވޭ ވަރަށް ޚިދުމަތް ފޯރުކޮށްދެވޭނެ ފެސިލިޓީޒްތައް ޤާއިމްކޮށްފައިވާ ސީ އެމްބިޔުލާންސްއެކެވެ. މިގޮތުން މި އުޅަނދުގައި ބައެއް ސްކޭން ޚިދުމަތްތަކާއި، އީސީޖީގެ ޚިދުމަތާއި އައިވީގެ ހުރިހާ ފެސިލިޓީޒްއެއްގެ އިތުރުން އޮކްޖީސަން ދެވޭ ޚިދުމަތްތައް ވަނީ ޤާއިމްކުރެވިފައެވެ.
މި އުޅަނދު އޮޕަރޭޓްކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުންނެވެ.
އިއްޔެގެ ރަސްމިއްޔާތުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޗައިނާއިން ރާއްޖެ ވަޑައިގެން އުޅުއްވާ ވަފުދުގެ ނޭވީންނާއި، ޗައިނާ އެމްބަސީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.