Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ނަވާޒް ޝަރީފް ހައްޔަރު ކުރަން 10،000 ސިފައިން ނެރެފި

ނަވާޒް ޝަރީފް އާއި އޭނާގެ ދަރިކަނބަލުން މަރިޔަމް އަބޫ ދާބީ އެއާޕޯޓްގައި - ފޮޓޯ: ޓްވިޓާ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މިއަދު ހަވީރުގެ ވަގުތެއްގައި ޤައުމަށް ވަޑައިގަންނަވާއިރު، އޭނާ 10 އަހަރު ދުވަހަށް ޖަލަށް ލާން ކުރި ޙުކުމާއި ގުޅިގެން އޭނާ ހައްޔަު ކުރަން 10،000 ސިފައިން ލާހޯރުގެ އެކި ހިސާބުތަކަށް ނެރެފި އެވެ.

ލަންޑަނުން ގަތް ހަތަރު ލަގްޒަރީ ފްލެޓާ ގުޅިގެން އޭނާގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާތައް ސާބިތުވާ ކަމަށް ބުނެ، އޭނާ 10 އަހަރަށް ޖަލަށް ލާން އެޤައުމުގެ ކޯޓަކުން ޙުކުމްކުރީ ޖުލައި މަަހުގެ 6 ވަނަ ދުވަހު އެވެ. ނަވާޒް ޝަރީފްގެ އިތުރުން އޭނާގެ ދަރިކަނބަލުން އަދި ދަނބިދަރިކަލުންގެ މައްޗަށްވެސް ވަނީ ޖަލު ޙުކުމެއް އައިސްފަ އެވެ.

އެޤައުމުގެ ނެޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ހަތް އަހަރަށް އަދި ނަވާޒް ޝަރީފްގެ ދަނބިދަރިކަލުން ސަފްދާރް އަވަން އެއް އަހަރަށް ޖަލަށް ލާން ޙުކުމްކުރާ ކަމަށެވެ.

މީގެ އިތުރުން ނަވާޒް ޝަރީފް އަށް މިލިއަން ޕައުންޑޫން ޖޫރިމަނާކޮށްފައިވާއިރު، މަރްޔަމް ޖޫރިމަނާކޮށްފައި ވަނީ ދެ މިލިއަން ޕައުންޑުންނެވެ.

ޙުކުމް ކުރި އިރު ނަވާޒް ޝަރީފް ހުންނެވީ އަނބިކަނބަލުންގެ ބޭސް ފަރުވާ އަށް ލަންޑަނުގަ އެވެ.

މި މައްސަލައާއި ބެހޭގޮތުން ނަވާޒް ޝަރީފް ވިދާޅުވީ މިއީ އޭނާއާ ދެކޮޅަށް ސިޔާސީ މަޤްސަދެއްގައި ކޮށްފައިވާ ތުހުމަތުތަކެއް ކަމަށެވެ.

ނަވާޒް ޝަރީފް މިއަދު ޕާކިސްތާނަށް އެނބުރި ވަޑައިގަންނަވަނީ ދަރިކަނބަލުން މަރިޔަމް އާވެސް އެކުއެވެ. އެމީހުން ދަތުރުކުރާ އިއްތިހާދު އެއާވޭސްގެ ބޯޓު ލާހޯރު އެއާޕޯޓަށް ޖެއްސުމާއެކު އެމީހުން ހައްޔަރު ކުރާނެ އެވެ. ލާހޯރުގެ އިޤްބާލް އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް އެންއޭބީގެ އޮފިޝަލުން ދަނީ ޙަރަކާތްތެރިވަމުންނެވެ. އެއީ އެ ފްލައިޓް އިސްލާމްއާބާދަށް ޑައިވާޓްކޮށްފާނެތީ އެވެ.

އެމީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަނަށް ލާހޯރުގައި ވަނީ 10،000 ސިފައިން އެއާޕޯޓް ސަރަހައްދަށް ނެެރެފަ އެވެ. ލާހޯރް އެއާޕޯޓަށް ދާން އޮންނަ ހުރިހާ މަގެއް ވަނީ ރެއިން ފެށިގެން ބަންދުކޮށްފައިވާއިރު، ޕަންޖާބް ޕްރޮވިންސްގައި މިއަދު ހަވީރު 3 އިން މިރޭ 12 އަށް މޯބައިލް ފޯނު ނެޓްވޯކް ބަންދު ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ލާހޯރުގެ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށްގެން ހެލިކޮޕްޓަރުގައި ގެންދާނީ އިސްލާމްއާބާދަށެވެ. އޭގެ ފަހުން ޖަލު ހުކުމް ތަންފީޒް ކުރަން އެ ދެބެފައިން ފޮނުވާނީ އަޑިއަލާ ޖަލަށެވެ.