Last Updated: June 26, 03:21
Thursday, June 25, 2026
ޚަބަރު

ޖޭޕީން ކޮންމެ މީހަކު ހޮވުނަސް ބަލައިގަންނާނަން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ގޫގުލް

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު ކަމަށްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ކޮންމެ ބޭފުޅާކު ހޮވުނަސް އެ ނަތީޖާ ބަލައިގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ފަރާތުން ކަނޑައަޅާ ރަނިންމޭޓަކު ނިންމުމަށް ޖޭޕީގެ ކައުންސިލް ގައި ނަގާ ވޯޓުން ކޮންމެ ބޭފުޅަކު ކާމިޔާބު ކުރެއްވި ނަމަވެސް، އެމްޑީޕީ ވެސް އަދި ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ވެސް އެ ނަތީޖާ ބަލައިގަންނަވާނެ ކަމަށެވެ.

ނަޝީދު ވަނީ ރަނިންމޭޓް ކަމަށް ކުރިމަތިލެއްވި ހުރިހާ ކެންޑިޑޭޓުންނަށް މަރުޙަބާ ވެސް ވިދާޅުވެފަ އެވެ.

ޖޭޕީގެ ރަނިންމޭޓުގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4 އަށް ހަމަވެފައިވާއިރު، ރަނިންމޭޓަކު ހޮވުމަށް ބާއްވާ ސިއްރު ވޯޓު މިރޭ ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާނެއެވެ.

އިބޫގެ ރަނިންމޭޓުކަމަށް ޖޭޕީގެ ތެރެއިން މިހާތަނަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.

މިރޭގެ ކައުންސިލް ބައްދަލުވުގައި 41 މެމްބަރަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާއިރު، އޭގެ ތެރޭގައި ޕާޓީގެ ކޮންގްރެސް އިން އިންތިޚާބު ކޮށްފައިވާ ކައުންސިލް 15 މެމްބަރުންނާއި އަންހެނުންގެ ލީގުގެ ރައީސާ އާއި ޒުވާނުންގެ ލީގުގެ ރައީސްގެ އިތުރުން ޕާޓީގެ އިދާރީ ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ޖޭޕީގެ އެތެރޭގައި ރަނިންމޭޓުގެ ބަހުސް ބޮޑުވެފައިވާ އިރު ގިނަ ބަޔަކު ދަނީ އިބޫގެ ރަނިންމޭޓުގެ ގޮތުގައި ޖޭޕީން ދައްކާ ކެންޑިޑޭޓަކަށް އިންތިޒާރު ކުރަމުންނެވެ.