Last Updated: July 12, 22:22
Saturday, July 12, 2025
ޚަބަރު

ފައިސަލަށް ތާއީދު ނުކުރަން ޤާސިމް ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް - ފޮޓޯ: ރާއްޖެއެމްވީ

އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު ކަމަށްވާ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ރަނިންމޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، ފައިސަލް ނަސީމް އަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރެއްވި ތާއީދު އެމަނިކުފާނު އަނބުރާ ގެންދަވައިފި އެވެ.

ޤާސިމް މިކަން އިއުލާންކުރެއްވީ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގަ އެވެ.

ޖޭޕީގެ ކައުންސިލް މެމްބަރުންނަށް ވެދުންކޮށް ކުރެއްވި އެ ޓްވީޓްގައި ޤާސިމް ވިދާޅުވެފައި ވަނީ ރަނިންމޭޓް ކަމަށް މެމްބަރު ފައިސަލް ނަސީމަށް އެމަނިކުފާނު ކުރެއްވި ތާއީދު އަނބުރާ ގެންދެވާފައިވާ ކަމަށެވެ.

"ވީމާ ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން ޖޭޕީގެ ކައުންސިލް މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ވޯޓްލެއްވުމަށް އަޅުގަނޑު އެދެމެވެ."، ޤާސިމް ކުރެއްވި ޓްވީޓްގައި ވެއެވެ.

ޖޭޕީގެ ރަނިންމޭޓުގެ މަޤާމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތު މިއަދު ހަވީރު 4 އަށް ހަމަވެފައިވާއިރު، ރަނިންމޭޓަކު ހޮވުމަށް ބާއްވާ ސިއްރު ވޯޓު މިރޭ ބާއްވާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނަގާނެއެވެ.

އިބޫގެ ރަނިންމޭޓުކަމަށް ޖޭޕީގެ ތެރެއިން މިހާތަނަށް ހަތަރު ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެއީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.