އދ. އަތޮޅުގައި އޮންނަ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ "ޓާގެޓް" ނަމަކަށް ކިޔާ އެ ދޯނިން މީހަކު ކަނޑަށް ވެއްޓުނު ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް ގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދުގެ 14:39 ހާއިރު ކަމަށެވެ.
މި ހާދިސާގައި ގެއްލިފައިވާ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކާއެކު ދަނީ މަސައްކަތްކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ ފ.ބިލެތްދޫ، އުތުރުގޭ އުމުރުން 58 އަހަރުގެ ޢަބްދުﷲ ނަޞީރެވެ. މި މީހާ ކަނޑަށް ވެއްޓުނު އިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުޝި ކުލައިގެ ފަޓުލޫނެކެވެ.
މި ސަރަޙްދުން ދަތުރުކުރާ ފަރާތްތަކުން، މި މީހާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވާ މަޢުލޫމާތު ދިނުމަށް އެމްއެންޑީއެފް އިން އެދެއެވެ.