Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

ފޭކް އެކައުންޓްތައް އުނި ކުރުމުން ޔާމީން ބޭޒާރުވެއްޖެ

ޓުވިޓާއިން ބޮޓްތަކާއި ފޭކު އެކައުންޓްތައް އުނިކުރުމުން ރައީސް ޔާމީންގެ ޓުވިޓާ އެކައުންޓުން 24،000 ފޮލޯވަރުން އުނިވެއްޖެއެވެ.

ކުރިން 45،000 އަށް ވުރެ ގިނަ ފޮލޯވަރުން ރައީސްގެ އެކައުންޓުގައި ތިބިއިރު ޓުވިޓާ އިން ބޮޓުން އުނިކުރުމުން އެއަދަދު 21،000 އަށް ވަނީ މަދުވެފައެވެ.

ސައްހަި މީހުން ބޭނުންކުރާ ޕްލެޓްފޯމަކަށް ޓުވިޓާ ހެދުމަށް ކުރަމުންދާ މަސައްކަތުގައި ބޮޓްތައް އުނިކުރާނެ ކަން ޓުވިޓާއިން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

މިބަދަލު ގެނައުމުން ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ބައެއް ބޭފުޅުންގެ ފޮލޯވަރުންގެ ލިސްޓަށް އުނިކަން ވަނީ އައިސްފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫންގެ ޓުވިޓާ ފޮލޯވަރުންތަކެއް ވެސް ވަނީ އުނިވެފައެވެ. މައުމޫންގެ އެކައުންޓުން ދެހާސް މީހުން އުނިވެފައިވާއިރު ނަޝީދުގެ އެކައުންޓުން އުނިވެފައިވަނީ ތިން ހާސް ފޮލޯވަރުންނެވެ.

ނަމަވެސް ރައީސް ޔާމީންގެ އެކައުންޓުން 24،000 ފޮލޯވަރުން މަދުވުމުން ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ތާއީދު ނެތް ކަމަށް ބުނެ ފާޑުކިޔަމުންނެވެ.