އަންނަ ރިޔާސީ އިންތިހާބުން މޮޅުވާން 40،000 ވޯޓު އޮޅުވާލަން ޖެހޭކަމަށް ގުޅިފައިވާ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާހު ކުރެއްވުމަށް އައްޑޫއަށް ވަޑައިގެން ހުކުރު ދުވަހުގެ ރޭ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ކެމްޕެއިންއަށް ދޮރުން ދޮރަށް ހިނގާއިރު ފަރުވާތެރިވެ، ހުރިހާ ފަރާތްތަކުންވެސް ޔާމީން އިންތިހާބުން ބަލި ކުރުމަށް ބުރަ ހިތްވަރުގަދަ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ހުރިހާ ފަރާތްތަކުންވެސް ކެމްޕެއިންގައި ސަމާލުވެ ތިއްބެވުމަށް އިބޫ އިލްތިމާސް ކުރެއްވިއެވެ.
އިބޫ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ރައީސް ޔާމީން މޮޅުވާނީ 40،000 ވޯޓު އޮޅުވާލައިގެންކަން އެމަނިކުފާނަށްވެސް އެނގިލައްވާކަމަށެވެ. އަދި އެފުރުސަތު ނުދެއްވައި، ރައީސް ޔާމީން ބޮޑުތަނުން ބަލި ކުރައްވާނެކަމަށް އިބޫ ތަކުރާރު ކުރެއްވިއެވެ.
ހުކުރު ދުވަހު ހަވީރު އިބޫ އާއި ކެމްޕެއިން ޓީމް އައްޑޫއަށް ވަޑައިގަތުމުން ގަމުގެ އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެކަމަށްޓަކައި އިބޫ ވަނީ އައްޑޫ ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.
އިބޫ ވިދާޅުވީ ކެމްޕެއިން އައްޑޫން ފައްޓަނީ އައްޑޫއަކީ އިސްލާހީ ހަރަކާތުގައި އެންމެ ބޮޑަށް ގުރުބާންވާ ރައްޔިތުން ތިބި އެއްތަން ކަމަށްވެފައި، މިސިޓީގެ ތަރައްޤީ އާއި ނުލައި ރާއްޖެ ތަރައްޤީ ނުވާނެތީކަމަށެވެ.
އެހެންވެ އިއްތިހާދެއްގެ ސަރުކާރުގައި އައްޑޫއަށް ތަރައްޤީ ގެންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އިބޫގެ ކެމްޕެއިންގައި ހޮނިހިރު ދުވަހު މަރަދޫ، މަރަދޫ ފޭދޫ އަދި ހުޅުމީދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި މެންދުރުފަހު ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިކެމްޕެއިން ދަތުރުގައި އިއްތިހާދުގެ ރަނިންމޭޓުގެ ގޮތުގައި ހޮވިވަޑައިގަތް ފުވައްމުލަކު ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.