Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ޝަކީރީ ލިވަޕޫލަށް ސޮއިކޮށްފި

ވޯލްޑް ކަޕް 2018 ގައި ސުވިޒަލޭންޑަށް މޮޅު ކުޅުމެއް ދެއްކި ސްޓޯކްގެ މިޑްފީލްޑަރ ޝަކީރީ ލިވަޕޫލްއަށް ބަދަލުވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުން މިދިޔަ ސީޒަނުގައި ރެލިގޭޓު ވެފައިވާ ސްޓޯކް ސިޓީއަށް ޝަކީރީ އަލްވަދާއު ކިޔާފައިވަނީ ތިން އަހަރު ފަހުންނެވެ. ލިވަޕޫލުން ވަނީ ސްޓޯކަށް ޝަކީރީ ހޯދުމަށް 18 މިލިއަން ޕައުންޑު ހުށައަޅާފައެވެ.

މިދިޔަ ސީޒަނުގައި ސްޓޯކަށް އެންމެ ގިނަ ގޯލު ޖަހާދިން ކުޅުންތެރިޔަކީ ވެސް ޝަކީރީއެވެ. އޭނާ ވަނީ އަށް ލަނޑު މިދިޔަ ސީޒަނުގައި ޖަހާފައެވެ. ސްޓޯކް ރެލިގޭޓު ވުމާއެކު ކުރިންވެސް ޝަކީރީ ކުލަބު ދޫކޮށް ފުރަތަމަ ޑިވިޝަނުގެ ކުލަބަކަށް ބަދަލުވާނެ ކަމުގެ އަޑުތައް ފެތުރުނެވެ.

ޝަކީރީ ލިވަޕޫލާ ގުޅުމަށް ފަހު ބުނެފައިވަނީ މިފަދަ ބޮޑު ކުލަބަކަށް އާދެވުމުން ވަރަށް އުފާވާ ކަމަށެވެ. 2014 ވަނަ އަހަރުވެސް ޝަކީރީ ގެންނަން ލިވަޕޫލުން މަސައްކަތް ކުރިއެވެ. ނަމަވެސް އޭރު އެ ޓްރާންސްފާ ނުވެވުނީ ބެޔާނުން އެކަމަށް ހުރަސް އެޅުމުންނެވެ.

ބެޔާން މިއުނިކުން 2013 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު އުފުލާލިއިރު ޝަކީރީ ކުޅުނީ ބެޔާނަށެވެ. އެފަހަރު ބެޔާނުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި ކްލޮޕްގެ ޑޯޓްމަންޑު ބަލިކުރުމަށް ފަހުގައެވެ.