Last Updated: June 11, 18:35
Thursday, June 11, 2026
ޚަބަރު

އިބޫ އާއި ފައިސަލަށް މަޝްވަރާގެ ދައުވަތު ދީފި

އިއްތިހާދުގެ ރަނިންމޭޓަކަށް ހޮވުނު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމަށް ސަރުކާރުން މަރުހަބާ ދަންނަވައި، މަޝްވަރާގެ މޭޒު އިޚްތިޔާރު ކުރުމަށް އަނެއްކާވެސް ދައުވަތު އަރުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓަރ، ޑރ. މުހައްމަދު ޝައިނީ އިބޫއާއި ފައިސަލަށް މަރުހަބާ ދެންނެވުމަށް ފަހު ވިދާޅުވެފައިވަނީ އިންސާފުވެރި ދެފުށްފެންނަ އިންތިޚާބަކަށް ފުރުސަތު ދިނުމަށް ދެބޭފުޅުންވެސް މަޝްވަރާގެ މަގު އިޚްތިޔާރު ކުރުމަށް ގޮވާލާ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާގެ ކޮމިޓީގެ ރައީސަކަށް ހުންނަވަނީ ޑރ. ޝައިނީ އެވެ. ތަކުރާރުކޮށް މަޝްވަރާގެ މޭޒަށް އައުމަށް ޑރ. ޝައިނީ ވަނީ މީގެ ކުރިން އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ.

ނަމަވެސް އިދިކޮޅުން ވަނީ ލީޑަރުން ޖަލަށް ލާފައިވަނީ ބޭއިންސާފުން ކަމަށާއި، ހުރިހާ އިދިކޮޅު ލީޑަރުން މިނިވަން ނުކުރަނީސް މަޝްވަރާއަށް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ.

ޖަވާބުގައި ސަރުކާރުން ވަނީ އެއްވެސް ޝަރުތުތަކެއް ނެތި މަޝްވަރާ ކުރުމަށް އައުމަށް އިދިކޮޅަށް ގޮވާލާފައެވެ. އދ. އިން މެދުވެރިއެއްގެ ގޮތުގައި މަޝްވަރާތަކުގައި ބައިވެރިވުމަށް އިދިކޮޅުން ހުށައެޅި ހުށައެޅުން ވެސް ސަރުކާރުން ވަނީ ގަބޫލުނުކޮށް، ބޭރުގެ ފަރާތްތަކަށް އެތެރޭގެ ކަންކަމާ ބެހެން ފުރުސަތު ނުދެވޭނެ ކަމަށް ބުނެފައެވެ.