Last Updated: April 20, 13:48
Saturday, April 20, 2024
ކުޅިވަރު

ޗެލްސީގެ އާ ކޯޗަށް ސާރީ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ އާ ކޯޗު ކަމަށް ނަޕޯލީގެ ކޯޗު މައުރީޒިއޯ ސާރީ ހަމަޖައްސައިފިއެވެ.

ކުލަބުން ނެރުނު ބަޔާނެއްގައި ސާރީ ޗެލްސީއާ ގުޅިފައިވާކަން ކަށަވަރުކޮށްފައިވާއިރު ކުލަބުގެ މެނޭޖަރު ކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކުރި ކަން އިއުލާން ކޮށްފައިވަނީ މީގެ އެއް ދުވަސް ކުރިންނެވެ.

ފާއިތުވެދިޔަ ތިން ސީޒަނުގައި ނަޕޯލީއަށް ކޯޗުކަން ކޮށްދީފައިވާ ސާރީ ވަނީ ތިން ސީޒަނުގެ ތެރެއިން ދެ ސީޒަނުގައި ނަޕޯލީ ލީގު ތާވަލުގެ ދެވަނަ ހޯދާފައެވެ. އަދި 2017 ވަނަ އަހަރު އޭނާ ވަނީ ސެރިއާ ގެ ސީޒަނުގެ މޮޅު ކޯޗުގެ މަގާމުވެސް ހޯދާފައެވެ.

ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ފަހު ސާރީ ބުނެފައިވަނީ ޗެލްސީއަށް އާދެވުމުން ވަރަށް އުފާވާ ކަމަށާއި އަމާޒަކީ ލީގު ތަށި ހޯދުން ކަމަށެވެ.

އިޓަލީގެ ކޯޗުގެ މަގާމުން އެންޓޯނިއޯ ކޮންޓޭ ޗެލްސީގެ ކޯޗުގެ މަގާމަށް ބަދަލުވުމަށް ފަހު އޭނާ ވަނީ ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ލީގު ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަނުގައި ޗެލްސީގެ ދަށް ކުޅުމުގެ ސަބަބުން ކޮންޓޭ އަށް މަގާމު ކަށަވަރު ނުކުރެވުނު ނަމަވެސް އޭނާ ވަނީ އެފްއޭ ކަޕް ކާމިޔާބުކޮށްދީފައެވެ.