Last Updated: April 19, 06:56
Friday, April 19, 2024
ރިޕޯޓް

އައްޑޫގެ މަގު ހަދާ މުވައްޒަފުންނާއި ތަކެތި މާލޭގައި!

މާލޭ "ރިންގް ރޯޑް" ޕްރޮޖެކްޓްގެ މަސައްކަތަށް އައްޑޫން މާލެ ގެންގޮސްފައިވާ ވެހިކަލެއް. "ބީ" ޒޯން ބޯޑު ޖަހާފައި.

އައްޑޫ ސިޓީގެ މަގުތަކުގެ ފެންވަރު ދަށްވެގެން އެކަމުގެ ޝަކުވާ ރައްޔިތުން ކުރަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އެކަން ހައްލުކޮށްދިނުމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒުގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް އެތައް ފަހަރަކު "މަސައްކަތް ފަށައިފި"އެވެ. އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އައްޑޫގެ މަގުތައް މަރާމާތު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ.

ހަތަރު ފަހަރެއްގެ މަތިން ބަޖެޓުގައި ފައިސާ ހިމެނި ނަމަވެސް ރައީސް ޔާމީންގެ ދައުރު ނިމިގެން މިދަނީ މަގު ހެދުމުގެ އެއްވެސް އަމަލީ މަސައްކަތެއް ނުފެށިއެވެ. މަގު ނުހެދުމުން ޝަކުވާ ކުރަމުން ދިޔަ ރައްޔިތުންނަށް އިތުރު މާޔޫސް ކަމެއް ވެސް ގެނެސް ދެމުންނެވެ.

އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ނުފެށުނު އިރު އެންމެ ފަހުން އައްޑޫގައި އެކަން ކުރުމަށް ހުރި ވެހިކަލްތައް މިވަނީ ރަށުން ބޭރަށް ގެންގޮސްފައެވެ.

އައްޑޫގައި މަގު ހެދުމަށް ބޭނުންކުރާ ވެހިކަލެއް މާލޭގެ މަގުތައް ހެދުމަށް ގެންގޮސްފައި. މިކަމާއި ބެހޭގޮތުން ހައުސިންގެ ބަހެއް އަދި ނުލިބޭ

އައްޑޫން މާލެ ގެންދިޔައީ ކިތައް ވެހިކަލް ކަން ސާފު ނުވާއިރު މި ދުވަސްކޮޅު އައްޑޫގެ މަގުތައް މަރާމާތު ކުރުމަށް ބޭނުންކުރާ ވެހިކަލްތައް އެއްގޮތަކަށް ވެސް ނުފެނެއެވެ. ނަމަވެސް އައްޑޫގައި މަގު ހެދުމަށް ބޭނުންކުރި 2 ވެހިކަލެއް މާލޭގެ 'ރިންގް ރޯޑް' ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށްދާ ސައިޓުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް 'އައްޑޫލައިވް' އަށް ވަނީ ލިބިފައެވެ.

އެ ވެހިކަލް ތަކުގެ ރަޖިސްޓްރީ ބޯޑުގައި އަދިވެސް ހުރީ "ބީ" ޒޯންގެ ރަޖިސްޓްރީ ނަންބަރެވެ. ވެހިކަލްތަކުގެ އިތުރުން އައްޑޫގެ މަގުތައް މަރާމާތު ކުރުމަށް މަސައްކަތް ކުރާ ހައުސިންގެ މުވައްޒަފުން ވެސް މިވަގުތު ވަނީ 'ރިންގް ރޯޑް' ޕްރޮޖެކްޓަށް މާލެ ބަދަލުކޮށްފައެވެ.

އައްޑޫގައި ތިބި މުވައްޒަފުންނާއި ބައެއް ވެހިކަލްތައް މާލެ އަށް ގެންގޮސްފައިވަނީ އެއްވެސް ވަރަކަށް މީޑިޔާއަށް އެންގުމެއް ނެތި ސިއްރުންނެވެ. މިކަމާއި ބެހޭގޮތުން އައްޑޫގައި ހުންނަ ހައުސިން ޑިޕާޓްމަންޓްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފައެވެ.