Last Updated: May 15, 21:40
Wednesday, May 15, 2024
ކުޅިވަރު

އިންގްލޭންޑް އަތުން މޮޅުވެ ބެލްޖިއަމަށް ތިން ވަނަ

އިންގްލޭންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު މުނިއޭ އުފާފާޅުކުރަނީ

ސެއިންޓް ޕީޓަސްބާގް، ރަޝިޔާ: ވޯލްޑްކަޕް 2018 ގައި މިރޭ ކުޅެވުނު މެޗުގައި އިންގްލެންޑް އަތުން މޮޅުވެ ބެލްޖިއަމް އިން ތިންވަނަ މަޤާމް ހޯދައިފިއެވެ. މިމެޗުން ބެލްޖިއަމް މޮޅުވީ 2-0 އިންނެވެ.

އިންގްލެންޑާއި ބެލްޖިއަމް މިމެޗަށް ނިކުތްއިރު މިއީ މިދެޓީމު މިފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ ދެވަނަ މެޗެވެ. މީގެކުރީން މިދެޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗުން ބެލްޖިއަމް މޮޅުވީ 1-0 އިން ނެވެ. އެމެޗުގައި އެޓީމަށް ލަނޑުޖަހައިދިނީ އަދުނާން ޖަނުޒާއީ އެވެ.

އިންގްލެންޑްގެ ކޯޗް ގަރެތު ސައުތުގޭޓް ވަނީ އެޓީމު އެންމެފަހުން ކުޅުނު މެޗުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ކައިލް ވޯކާ، އޭޝްލީ ޔަންގު، ޖޯޑަން ހެންޑަސަން އަދި ޖެސޭ ލިންގާޑް ގެ އިތުރުން ޑެލޭ އަލީ ގެ ބަދަލުގައި ފިލް ޖޯންސް، އެރިކް ޑަޔާ، ރުބެން ލޮފްޓަސް ޗީކް އާއި ފަބިއަން ޑެލްފް އަދި ޑެނީ ރޯސް މިމެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ބެލްޖިއަމް މިމެޗަށް ނިކުތްއިރު އެޓީމުގެ ކޯޗް ރޮބާޓޯ މާޓިނޭޒް ވަނީ އެންމެ ފަހުން ފްރާންސާއި ދެކޮޅަށް ކުޅުނު މެޗުގައި ހިމެނުނު މަރުއާން ފެލައިނީ އާއި މޫސާ ޑެމްބެލޭ ގެ ބަދަލުގައި ޔޫރީ ޓީލެމެންސް އަދި ސަސްޕެންޝަނަށްފަހު އެނބުރިއައި ތޯމަސް މޫނިއޭ އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ.

ސެއިންޓް ޕީޓަސްބާގު ސްޓޭޑިއަމްގެ ގާތްގަނޑަކަށް 64 ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެވުނު މިމެޗުގެ ހަތަރުވަނަ މިނެޓުގައި ބެލްޖިއަމް އަށް ލީޑް ނަގައިދިނީ ތޯމަސް މޫނިއޭ އެވެ. މިއީ ޕެނަލްޓީއޭރިޔާ ވާތްފަރާތުން ނާސިރް ޗެޑްލީ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މީގެއިތުރުން މިއީ ވޯލްޑްކަޕްގެ ތާރީޚުގައިވެސް އެޓީމުން ކާމިޔާބުކުރި އެންމެ އަވަސް ގޯލެވެ.

ބެލްޖިއަމްގެ ލަނޑަށްފަހު އިންގްލެންޑުން ވަނީ މިހާފުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް ލިބޭ ކައުންޓާއެޓޭކްގައި ބެލްޖިއަމުން ދިޔައީ އިންގްލެންޑްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރަމުންނެވެ.

އެގޮތުން މިހާފުގައި އެންމެ ރަނގަޅު ފުރުޞަތުތައް ލިބުނީ ބެލްޖިއަމްގެ ކެވިން ޑިބްރައިނާ އަށެވެ. އޭނާ ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ އިންގްލެންޑް ގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް އެވެ.

މިހާފުގައި އިންގްލެންޑްގެ ފަބިއަން ޑެލްފް ގެ އިތުރުން ރުބެން ލޮފްޓަސް ޗީކް ފޮނުވާލީ ހަމަލާތައް ބެލްޖިއަމްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފައެވެ.

އޭގެފަހުން އިންގްލެންޑްގެ ކެޕްޓަން ހެރި ކޭން އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ބެލްޖިއަމްގެ ލީޑް ފުޅާކުރުމަށް ޓޮބީ އަލްޑަވިރެލްޑް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފު ނިމެންދަނިކޮށް ބެލްޖިއަމްގެ ނާސިރް ޗެޑްލީ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރާންޖެހިފައިވެއެވެ. އޭނާގެ ބަދަލުގައި ކުޅެން ނެރުނީ ތޯމަސް ވާމެލަން އެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން ބެލްޖިއަމް ކުރީގައޮވެގެންނެވެ.

ބެލްޖިއަމްގެ ދެވަނަ ލަނޑު އެޑެން ހަޒާޑް އިންގެލްންޑްގެ ގޯލަށް އަމާޒުކޮށް ފޮނުވާލަނީ. –ފޮޓޯ: ފީފާ

އިންގްލެންޑް ގެ ކޯޗް ސައުތުގޭޓް ވަނީ ދެވަނަ ހާފު ފެށުނިއިރު އެޓީމުގެ ޑެނީ ރޯސް އާއި ރަހީމް ސްޓާލިންގ ގެ ބަދަލުގައި މާކަސް ރަޝްފޯޑު އަދި ޖެސޭ ލިންގާޑް ކުޅެން ނެރެފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި މިހާފުގައި ކުޅެން ނިކުތް ޖެސޭ ލިންގާޑް ތަނަވަސްކުރި ފުރުޞަތަކުން ދިން ބޯޅަ ހެރީ ކޭން ގެ ފަޔަށް އަރާގޮތެއް ނުވިއެވެ.

އޭގެ ދެމިނެޓުފަހުން ކެވިން ޑިބްރައިނާ ތަނަވަސްކުރި ފުރުޞަތަކުން ރޮމެލޫ ލުކާކޫ އޮފްސައިޑްވާނެކަމަށް އިންގްލެންޑްގެ ޑިފެންޑަރުން ނިންމައިގެން ހުއްޓާ ލިބުނު ބޯޅަ އޭނާ ފޮނުވާލުމުގެ ކުރީން އިންގްލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑު ވަނީ ސަލާމަތްކޮށްފައެވެ.

މެޗުގެ 70 ވަަނަ މިނެޓުގައި އިންގްލެންޑްގެ އެރިކް ޑަޔާ އަށް ވަނީ ނަތީޖާ ހަމަހަމަކޮށްދިނުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބިފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ބެލްޖިއަމްގެ ކީޕަރު ތިބޯ ކޯޓުއާ ގެ ބޯމަތިން ގޯލްގެ ތެރެއަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލްގެ ރޮނގުމަތިން ދިފާޢުކުރީ އޭނާއާއިއެކު ޓޮޓެންހަމް ހޮޓްސްޕާގައި ކުޅޭ ޑިފެންޑަރު ޓޮބީ އަލްޑަވިރެލްޑް އެވެ.

އޭގެ ފަހުން އިންގްލެންޑްގެ ޑަޔާ ގެ އިތުރުން މެގުއަޔާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ބެލްޖިއަމްގެ ލީޑް ފުޅާކުރުމަށް ތޯމަސް މޫނިއޭ އަށް ވަނީ ވަރަށް ރަަނގަޅު ފުރުޞަތެއްލިބިފައެވެ. ޕެނަލްޓީއޭރިޔާތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

މިމެޗުގެ ފުރިހަމަ ވަގުތު ހަމަވާން 8 މިނެޓަށްވެފައިވަނިކޮށް ބެލްޖިއަމް ގެ ފަހު ލަނޑުޖަހައިދިނީ އެޓީމުގެ ކެޕްޓަން އެޑެން ހަޒާޑް އެވެ. މިއީ މިފަހަރުގެ ވޯލްޑްކަޕްގައި އޭނާ ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މިމެޗުން މޮޅުވެ ބެލްޖިއަމް އަށް ވަނީ ވޯލްޑްކަޕްގެ ތިންވަނަ މަޤާމް ލިބިފައެވެ. މިއީ މިހާތަނަށް ވޯލްޑްކަޕްގައި އެޓީމު ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ. މީގެކުރީން އެޓީމު ވަނީ 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ހަތަރުވަނަ މަޤާމް ހޯދާފައެވެ.

މިމެޗުން ބަލިވި އިނގިރޭސިންނަށް ލިބިފައިވަނީ ވޯލްޑްކަޕްގެ ހަތަރުވަނައެވެ.