Last Updated: April 26, 17:02
Friday, April 26, 2024
ދުނިޔެ

އިސްލާމީ ޝަރީޢަތާ ޚިލާފުވި ބަޔަކު ހައްދު ޖަހައިފި

އިންޑޮނޭޝިޔާގެ އަޗޭގައި އިސްލާމީ ޝަރީޢަތާއި ޚިލާފުވި މީހެއްގެ ގައިގައި ހައްދު ޖަހަނީ.

އިންޑޮނޭޝިޔާގެ އަޗޭ ޕްރޮވިންސްގައި އިސްލާމީ ޝަރީޢަތާއި ޚިލާފުވި 15 މީހަކު ހައްދު ޖަހައިފިއެވެ. މި މީހުން ހައްދު ޖަހާފައިވަނީ އާންމު މައިދާނެއްގައި ފާއިތުވި ހުކުރު ދުވަހުގައެވެ.

ހައްދު ޖަހާފައިވާ މީހުންގެ ތެރެއިން 2 މީހަކީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވި މީހުންނެވެ. އެއިން ކޮންމެ މީހެއްގައި ގައިގައި 87 އެތިފަހަރު ދުއްރާއިން ޖަހާފައިވެއެވެ.

މީގެ އިތުރުން ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގި ކަން ސާބިތުވި 9 މީހުންގެ ތެރެއިން ކޮންމެ މީހަކު ގައިގައި 27 އެތިފަހަރު އަދި ބަނގުރާ ބުއިކަން ސާބިތުވި 4 މީހެއްގެ ގައިގައި 27 އެތިފަހަރު ދުއްރާއިން ޖަހާފައިވެއެވެ. ބަނގުރާ ބޮއެގެން ހައްދު ޖެހި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެއެވެ.

ހުކުރު ނަމާދަށް ފަހު ހައްދު ޖެހުން ކުރިއަށް ގެންދިޔަ މަންޒަރު ބަލަން ބަންޑަ އަޗޭގެ ބައިތުއްރަހިމް މިސްކިތް ކައިރިއަށް ގިނަ ބަޔަކު ވަނީ އެއްވެފައެވެ.

އިންޑޮނޭޝިއާގެ އަޗޭގައި ބަނގުރާ ބުއިމާއި ވިއްކުމުގެ އިތުރުން ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގުމާއި އެއްޖިންސުން ގުޅުން ހިންގުމަކީ މަނާކަމެކެވެ. އެފަދަ ކަމެއް ކޮށްފި މީހެއްގެ ގައިގައި ހައްދު ޖަހައެވެ. އަޗޭގައި އިސްލާމީ ޝަރީއަތް ގާއިމްކޮށްފައިވަނީ 2001 ވަނަ އަހަރުން ފެށިގެންނެވެ.